ފެންނަހެން ތަސްވީރު ހިތުގައި ކުރެހިފައިވެޔެ ކުލަތަކުން
ގެންނަމޭ ވެރިޔާ ހިތުގެ ހިލަމެއް ނުވާހެން ސިއްރަކުން
ގަސްތުކޮށްގެން ހަމަ އިޝާރާތަށް އަދައިގެން ހުރެވެނީ
މަސްތުގައި ހިތްއެދި ގޮވާތީއޭ ހިރޭ ފުން ރިހުމަކުން
ނާރުތަކުގާ ލޭ ހިނގާހެން ދައުރުވާތީއޭ ހަނދާން
އާރުލައި ހިތް ފުރިދަނީ އުލްފަތުގެ ނަލަ ގުލްޒާރަކުން
މޯޅިކަން ފިލުވައިދެނީ މެކިލާ ހަށީގައި ބީހިލާ
ރޯޅިވައި ހަދިޔާކުރާ ފިނި ފޮނި ޢަބީރުގެ ހުވަނދަކުން
ޢާލަމުން ފެނި ޝަރުތަކާ ނުމެލާ ހިތޭ ދެވުނީ ތެދޭ
ޙާލަތެއް ރަންކޮށްދެނީ އަސަރުން އޮހޭ ފަރި ޣަޒަލަކުން
ޖިސްމަށާ ވިންދަށް އުފާދޭ އަސްލު ރާޙަތު ލިބިދެނީ
އިޝްގުގައި ޝައުގާއެކީ އޯގާވެދޭ ފަރުވާއަކުން
