ވަސް ހަލާކުވެ ގޭފުރާޅުން ވާރެޔެއް ހިޔަލެއްނުވޭ
ލަސްނުކޮށް ލޯނެއް ނަގަންއުޅެއުޅެ ހިލައި އެކަމެއް ނުވޭ
އަސްތައަސްތާ އުމުރު ނޫނީ މި ކަމުގައި ހުރަހެއް ނުވޭ
ފަސްދޮޅަސް ފަސް އަހަރުވެއްޖޭ ޝަރުޠު ފުރިހަމަ އެއްނުވޭ
ދެން ހެވޭ، ކުޑަކުޑަ ވަޒީފާއެއް ލިބޭތޯ އުޅެވުނޭ
ފެންނަ އުނދަގޫ ދަތި މި ޙާލުން މިންޖުވޭތޯ ތެޅެވުނޭ
ކޮންމެ ތަނަކުންހެން އެހެން ނަމަވެސް އަހަންނަށް ބުނެވުނޭ
ފަސްދޮޅަސް ފަސް އަހަރު ވެއްޖޭ ޝަރުޠު ފުރިހަމައެއްނުވޭ
ދޭހިތުން އަދި ޚިދުމަތެއް އިންސާނިޔަތުގެ މަޤާމުގައި
ލޭ ފޮދެއް ބަލިކުއްޖަކަށް ހަދިޔާކުރާން އެ ޚިޔާލުގައި
ގޭން ހިނގައިފައި ދިޔައުމުން ވެސް އައި މިހެންނެ ޖަވާބުގައި
ފަސްދޮޅަސް ފަސް އަހަރު ވެއްޖޭ ޝަރުޠު ފުރިހަމައެއްނުވޭ
ބޯކަހައިލެވުނޭ ކިހައި ބޭކާރުހޭ ހިތް ބުނެލިޔޭ
ލޯ ތެމެންފެށިޔޭ އެ ތަންވަޅު އެއްކަމެއްގެ ހަނދާންވިޔޭ
ވޯޓުލުން އަދި އެބަ އޮތޭ އެ ދުވަހަކު ބަލަ ނުބުނާނެޔޭ
ފަސްދޮޅަސް ފަސް އަހަރު ވެއްޖޭ ޝަރުޠު ފުރިހަމައެއްނުވޭ
