ކުއްތާއެއްގެ ދަރި މައިމީހާގެ ރަހިމުގައި ބޮޑުވާން ނަގާ ދުވަހަށްވުރެ އޫރެއްގެ ދަރި އޭގެ މައިމީހާގެ ރަހިމުގައި ބޮޑުވާން ނަގާ ދުވަސް އިތުރެވެ. އަދި މި ކަމުގެ ސަބަބުން އޫރެއް ވިހާއިރު އެ ސޮރުގެ ދަރިން ތިބެނީ އަމިއްލަ ހައްޓައިގެން އުޅެވޭ ވަރަށް ފުރާފުރިހަމަވެފައެވެ.
އެއް ދުވަހަކު ކުއްތާއެއް އޫރަކާ ޒުވާބު ކުރަން ފެށިއެވެ. ސުވާލަކަށްވީ ކުއްތާގެ ދަރިން އަވަހަށް ވިހެއުމުގައި ކުއްތާއަށް ފައިދާކުރަނީ ކިހާ މިންވަރަކަށް ކަމާމެދުއެވެ.
އެންމެ ފަހުން އޫރު ބުންޏެވެ: "އަހަރެންގެ ދަރިން ވިހާއިރު ވެސް އެ ސޮރުމެންގެ ލޮލަށް އެންމެ ކުޑަމިނުން ފެނެއެވެ. ނަމަވެސް ތިބާގެ ދަރިން ވިހަނީ ލޮލަށް ނުފެންނަ މަހުލޫގުންތަކެއްގެ ގޮތުގައެވެ."
ކުއްތާ ފޮނިކަނޑަމުން ދިޔައީ އެ ސޮރުގެ ދަރިން މާ ކުރިން ވިހައިތީއެވެ. ނަމަވެސް އޫރު ފާހަގަ ކުރީ ކުއްތާގެ ދަރިން ކުރިން ވިހެއި ނަމަވެސް ކުއްތާގެ ދަރިންގެ ލޯ ފުރާފުރިހަމަވާން ދުވަސްނަގާކަމެވެ.
އިބްރަތް:
އޫރު ބުނާ ވާހަކައަކީ ކަމެއްގެ ހަލުއިކަމާއި ފަސޭހަކަމަށްވުރެ އެ ކަމެއްގެ ނަތީޖާ ރަނގަޅުވުމާއި އެދެވިގެންވާ ނަތީޖާއަކަށްވުން މާ މުހިންމު ކަމަށެވެ.
އިންސާނުންގެ ދިރިއުޅުމަށް މި ކަމުން ލިބޭ ފިލާވަޅަކީ މުހިންމު ކަންތައްތަކާއި މަސައްކަތްތައް އަވަސްއަރުވައިލައިގެން ނުކުރުމެވެ. ސަބަބަކީ އެހެން ނޫނީ އެ ތައްޔާރުކުރާ އެއްޗެއްގައި ނުވަތަ ނިންމާ ކަމެއްގައި އައިބެއް ހުރުން އެކަށީގެންވާތީއެވެ.
މި ވާހަކަ އާއި އަދި މި ކަހަލަ ވާހަކަތަކާ ގުޅުން ހުރި ވާހަކަތަކަކީ "ކޮލިޓީ"އަށްވުރެ "ކޮންޓިޓީ" ގިނަ ކުރަން މަސައްކަތް ކުރުމުން އެންމެ އެދެވޭ ނުވަތަ ފުރިހަމަ ނަތީޖާ ނުނުކުންނާނެ ކަމަށް ދޭހަކޮށްދޭ ވާހަކަތަކެވެ.
އަދަދު ގިނަ ކުރުމަށްވުރެ ފެންވަރު ރަނގަޅު ކުރުމުގެ ބޭނުންތެރިކަން އަންގައިދޭ ވާހަކަތަކެވެ. އެހެނީ ބައެއް މީހުން ކަންތައްތައް ކުރަނީ އަދަދު އިތުރުކުރަން ނުވަތަ މަސައްކަތުގެ ދުވެލި ހަލުއިކުރަން ކަމަށްވާއިރު އެ ގޮތަށް އަމަލުކުރުމުން ތައްޔާރުކުރި އެއްޗެއްގެ ނުވަތަ ނިންމައިލި ކަމެއްގައި ފެންވަރު ނުހުންނާނެތީއެވެ.
ނޯޓް:
މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕް – ނުވަތަ ބައެއް ފަރާތްތަކުން ބާބްރިއަސްގެ ނަމުން މުހާތަބު ކުރާ މީހެއް – އެއްކޮށްފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.
އީސޮޕްއަކީ "ފޭބްލް" ނުވަތަ މުނާފިގުކަން ދައްކުވައިދިނުމުގެ ގާބިލުކަން ހުރި އިންސާނުންނާ ހިލާފަށް، ހައިވާނުންގެ މިސާލު ނަގައިގެން ވާހަކަ ކިޔައިދިން މީހެކެވެ. އިންސާނުންނަކީ ނެތް ސިފަތަކެއް ދައްކައިގެން އުޅޭ، ހަމައެކަނި "ދެ ފުށް ކެހެރި" އަދި "މުނާފިގު" މަހުލޫގެވެ. އެހެން ހުރިހާ ހައިވާނުންނަކީ އޭގެ އަސްލު ފޮރުވައިގެން އުޅުމުގެ ގާބިލިއްޔަތުކަމެއް ނެތް ޖަނަވާރުންނެވެ. މިހެންވެ، އެ ސޮރުމެންގެ ހަޔާތުގެ ދަރުސުތަކުން ހާމަވާނީ، ހަޔާތުގެ އަސްލު ހަގީގަތްތައް ފެންނަ ގޮތް ކަމަށް، އީސޮޕްގެ ވާހަކަތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.



advertisment