Support Us

ޤައުމަށް އެންމެ ރަނގަޅުވާނޭ ގޮތްތައް ޚާރިޖީ ގުޅުންތަކުގެ ތެރެއިން ހޯދުމަކީ ރައްޔިތުން އެންމެ ބޭނުންވާނޭ ގޮތް: ރައީސުލްޖުމްހޫރިއްޔާ

މި ޤައުމަށް އެންމެ ރަނގަޅުވާނޭ ގޮތްތައް ޚާރިޖީ ގުޅުންތަކުގެ ތެރެއިން ހޯދުމަކީ، ދިވެހި ރައްޔިތުން އެންމެ ބޭނުންވާނޭ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104″ މިނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، "މޯލްޑިވްސް ފަރސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ދޭދޭ ޤައުމުތަކާއެކު ވިޔަފާރި އާއި، އިޤްތިޞާދުގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދީ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް އިސްކަން ދެއްވާފައިވާކަން ހާމަކުރައްވާފައެވެ.

އިސްތިރާޖީގޮތުން މުހިންމު ބައެއް ޤައުމުތަކުގައި ދިވެހީންގެ މަސްލަހަތު ތަމްސީލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ޤަޠަރާއި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީތައް ޤާއިމުކުރައްވައި، 27 ޤައުމަކަށް، ނޮން-ރެޒިޑަންޓް ސަފީރުން ޢައްޔަންކުރައްވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ބޮޑެތި ޖަމުޢިއްޔާތަކަށް ރާއްޖެއިން މަންދޫބުން ކަނޑައެޅުއްވުމުގެ މަސައްކަތްވެސް ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވަނީ، ޢަރަބި، އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށްކަން ހާމަކުރައްވައި އެމަނިކުފާނު ވަނީ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނި، ދިވެހި ޙައްޖާޖީންނަށް ބޮޑެތި ލުއިތަކެއް ލިބެންފެށުން ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި، ސަޢުދީ ސަރުކާރަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިގެ އިތުރުން، ދިވެހީންނަށް ވިސާއާ ނުލާ ދަތުރުކުރުމަށް، ތަޖިކިސްތާން، އަޒަރބައިޖާން، މޮންގޯލިއާ އަދި ޑޮމިނިކާ ފަދަ ޤަޢުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތައިލެންޑާއި ޔޫ.އޭ.އީ އަށް ދަތުރުކުރާ ދިވެހީންނަށް، އާސަންދަ މެދުވެރިކޮށް ޞިއްޙީ ޚިދުމަތް ލިބޭނޭ އިންތިޒާމުވެސް މިހާރު ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ކުޑަދުވަސްކޮޅެއްގެ ތެރޭ ދިވެހިރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *