Support Us

މަރުވުމާއި ނިޔާވުމާ ހުރި ތަފާތަކީ މީ

މަރުވުން، ނިޔާވުން، އަވަހާރަވުން، ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުން، ފުރައުއްތަވުން، ސުވަރުގެވަޑައިގަތުން މިއިން ކޮންމެ ލަފުޒަކުން ބުނެދެނީ މަރުވިކަމެވެ. އެ މީހަކު މަރުވެއްޖެކަމެވެ.

ތަފާތު ލަފުޒުތައް ބޭނުންކުރަނީ ތަފާތު ދަރަޖަތަކުގެ މީހުންނަށެވެ. ދިވެހި ބަހުގައި ބޭނުންކުރާ ދަރަޖަތަކުގެ ތެރޭގައި އާދައިގެ ގޮތާއި މާތްގޮތާއި އެންމެ މާތްގޮތް އޮވެއެވެ. އަދި ރަސޫލު ބޭކަލުންނަށް ބޭނުން ކުރެވޭ ދަރަޖައަކާއި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ލަފުޒުތަކެއް ވެސް ދިވެހިބަހުގައި ހުރެއެވެ. މީގެ އެއް މިސާލަކީ މާތްﷲ ވަޙީކުރެއްވުމާއި ކީރިތި ރަސޫލާ ހަދީސް ކުރެއްވުމެވެ. އެންމެ މާތް ދަރަޖައިގައި ވިދާޅުވުމެވެ. މާތް ދަރަޖައިގައި ބުނުއްވުމެވެ. އާދައިގެ ދަރަޖައިގައި ބުނުމެވެ.

ބަހުގެ ދަރަޖަތަކުގެ މިންގަނޑުގައި އާދައިގެ ދަރަޖައަކީ މަރުވުމެވެ. މާތްގޮތަކީ ނިޔާވުމެވެ. އެންމެ މާތް ގޮތަކީ އަވަހާރަވުމެވެ. މި ތިން ލަފުޒު (މަރުވުން، ނިޔާވުން، އަވަހާރަވުން)ގެ އިތުރުން މަރުވުމަށް ބޭނުން ކުރެވޭ އިތުރު ލަފުޒުތަކުގެ ތެރޭގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުން، ފުރައުއްތަވުން އަދި ސުވަރުގެ ގަޑައިގަތުން ހިމެއެއެވެ. މީގެ ތެރެއިން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާއި ފުރައުއްތަވުން ބޭނުން ކުރެވެނީ އެންމެ މާތް ދަރަޖައިގައެވެ. ދިވެހީންގެ ތެރޭގައި ފުރައުއްތަވުން ބޭނުންކުރަމުން އައީ ރަސްކަމުގެ ޒަމާނުގައި ރަސްކަލުންނާއި ގަނޑުވަރުތެރޭގެ ޝާހީ ބޭފުޅުންނަށާއި ދީނީގޮތުން ދަރަޖަ މަތިވެރި ބޭފުޅުންނަށެވެ. ކީރިތި މަހާރަދުން ފުރައުއްތަވީ ހިޖުރީ ސަނަތުން މިވެނި ތާރީޚެއްގައި ކަމުގައި ލިޔެފައި ހުރެވެ. ސުވަރުގެވަޑައިގަތުން ބޭނުންކުރަނީ ރަސޫލު ބޭކަލުންނަށެވެ.

ދިވެހިބަސް ނޫނަސް އެހެން ބައެއް ބަސްތަކުގައި ވެސް ދަރަޖަތައް ހުރެއެވެ. އަދި ކޮންމެ ބަހަކުން ވާހަކަ ދައްކާ ބައެއްގެ މެދުގައި ވެސް ހުރިހާ އެންމެންނަށް މުޚާޠަބުކޮށް ވާހަކަ ދައްކާ އުޅެނީ އެއް މިންގަނޑަކުން ނޫނެވެ. ދަރަޖަތައް ތަފާތުކޮށްގެންނެވެ. ކޮންމެ ބަހެއްގައި‏ ވެސް ބަހުގެ ސަގާފަތެއް އޮވެއެވެ. އެއީ ބަހަވީ ސިންދަާތުގެ މައި އަސާސެވެ. ބަހުގެ ސަގާފަތް ލާމެހިފައިވަނީ ޤައުމީ ސަގާފަތާއެވެ. ދިވެހިބަުގެ ދަރަޖަ ބަސްމަގަކީ ބަހުގެ ސަގާފަތުގެ މުހިންމު ރުކުނެކެވެ. ބަހަވީ ސިންދަފާތުގެ މުއްސަނދި އުންސުރެއް ވެސް މެއެވެ.

މިއީ އިހުތިރާމުކުރުމާއި ކަމޭހިތުމާއި ލޮބުވެތިކަމުގެ ދަލީލެކެވެ. އެ މީހެއްގެ އެންމެގާތް އެކުވެރި ރަހުމަތްތެރިންނާ ވާހަކަ ދައްކާ ގޮތާއި، އެ މީހެއްގެ މައިންބަފައިންނާ ވާހަކަ ދައްކާގޮތާއި އެ މީހެއްގެ ދަރީންނާ ވާހަކަދައްކާ ގޮތާއި އެމީހެއްގެ ވެރީންނާ ވާހަކަ ދައްކާގޮތް ތަފާތުވާނެއެވެ. ތަފާތު ވާން ޖެހޭ ވެސް މެއެވެ. އެ މީހަކު ލޯބިވާ، އެ މަހަކު ކަމޭހިތައި، އެ މީހަކު އިހުތިރާމުކުރަން ބޭނުންވާ މީހަކަށް އިހުތިރާމާއެކު ވާހަކަ ދެއްކެން ޖެހެއެވެ. އެހެންކަމުން ނިޔާވުމާއި މަރުވުމުގެ ތަފާތަކީ މިއީއެވެ. އާދައިގެ މީހުން މަރުވަނީއެވެ. ބޭކަލުންނާއި ކަނބަލުން ނިޔާވަނީއެވެ. ބޭފުޅުން އަވަހާރަ ވަނީއެވެ ނުވަތަ ދެމިއޮތުކުގެ އާލަމަށް ދަތުރުކުރައްވަނީއެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *