އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް 2021 ގެ ޖަނަވަރީ ހައެއްގައި މުޒާހަރާކުރި ބަޔަކު ވަދެގަތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަކަށް ކަމަށް ދޭހަވާ ގޮތަށް އޭނާގެ ތަގުރީރެއް އެޑިޓުކުރުމުން އިނގިރޭސި ވިލާތުގެ ދައުލަތުގެ މީޑީއާ ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީ.ބީ.ސީ)ގެ ޑިރެކްޓަރު ޖެނެރަލް ޓިމް ޑޭވީ އިސްތިއުފާ ދީފިއެވެ.
ޓިމް (ފޮޓޯ) އިއްޔެ އިސްތިއުފާ ދެމުން ބުނީ އޭނާ މި ގޮތަށް ނިންމީ ވަރަށް ބޮޑަށް ވިސްނައިފައި ކަމަށެވެ.
"ޒާތީ ގޮތުންނާއި މަސައްކަތު ދާއިރާގެ ގޮތުން އަހަރެންނަށް އައިސްފައިވާ ޕްރެޝަރާމެދު ވަރަށް ބޮޑަށް ވިސްނައިފިން. ބީ.ބީ.ސީގެ ޗާޓަރުގައިވާ ރޭވުންތައް ބައްޓަން ކުރަން އަހަރެންގެ ފަހުން ހަވާލުވާނެ މީހަކަށް ވަގުތު ދޭން އަހަރެން ބޭނުން،" ޓިމް ބުންޏެވެ.
ބީ.ބީ.ސީގެ ހަބަރާ ބެހޭ ބައިގެ ވެރިޔާ ޑެބޮރާ ޓާނަސް ވެސް ވަނީ އިސްތިއުފާ ދީފައެވެ. އޭނާ ބުނީ މި މައްސަލައިގެ ހުރިހާ ޒިންމާއެއް އޭނާ ނަގާ ކަމަށެވެ.
"ބީ.ބީ.ސީ ނިއުސް އެންޑް ކަރަންޓް އެފެއާސްގެ ސީ.އީ.އޯގެ ހައިސިއްޔަތުން ހުރިހާ އިލްޒާމެއް ނިމޭނީ އަހަރެންގެ ބޮލުގައި އެޅިގެން،" ޑެބޮރާ ބުންޏެވެ.
ޓިމް އާއި ޑެބޮރާގެ އިސްތިއުފާ މި އައިސްފައިވަނީ ބީ.ބީ.ސީން ހަބަރު ފެތުރުމުގައި ތައައްސުބު ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ ދަނޑިވަޅެއްގައެވެ.
ޓްރަމްޕަށް ތާއީދު ކުރާ ފަރާތްތަކުން ބުނަނީ ބީ.ބީ.ސީން މުޅިން ވެސް ފަތުރަނީ "100 ޕަސެންޓް ދޮގު ހަބަރު" ކަމަށެވެ.



advertisment