ޣައްޒާގައި ހިނގަމުންދާ ދެ އަހަރުވީ ހަނގުރާމައަކީ ހަމައެކަނި ބޮމާއި ބަޑިން ކުރިއަށްދާ ހަނގުރާމައެއް ނޫނެވެ. މިހާތަނަށް 67،000 އަށްވުރެ ގިނަ ރަށްވެހިން ޝަހީދުވިއިރު، ޣައްޒާއަށް ވައްދާ އިންސާނީ އެހީއަށް އިސްރާއީލުން ހުރަސް އަޅައިފައިވާއިރު، އދ.ގެ ސިއްހީ ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ބުނީ، ޣައްޒާގެ ވިހަވެފައިވާ ބިމުގައި ހުރި ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން މިހާތަނަށް 33،551 މީހުންނަށް ބޭރަށް ހިންގުން (ޑައިރިއާ) ޖެހިފައިވާ ކަމަށް ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.
"ޣައްޒާގެ ރަށްވެހިންނަށް ފެން ނުލިބުމަކީ އެތައް ހާސް މީހުން މަރުވުމަށް ކުރިމަތިވި ސަބަބެއް ކަމަށް ބެލެވޭ،" އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗް (އެޗް.އާރް.ޑަބްލިޔު)އިން ބުނެފައިވެއެވެ.
ރަސްމީ އިދާރާތަކުން ބުނަނީ ފެނާއި ބޭހާއި ކާނާ ނުލިބުމާއި ޑައިރިއާއަށް ފަހު ކުރިމަތިވާ، ކޮންމެހެން ފަރުވާ ހޯދަން ޖެހޭ ސެޕިސް އާއި ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓޭނެ ގޮތް ނުވުމަކީ ޣައްޒާގެ ޝަހީދުންގެ އަދަދު އިތުރުވި ކަމަށް ބެލެވޭ ސަބަބެއް ކަމަށެވެ.
ފެނުގެ ޒަރީއާއިން މިހާ ގިނަ މީހުން ޝަހީދު ވިޔަސް މި ކަން ކަށަވަރުކުރަން ދަތިވެފައިވަނީ މަރުގެ ސެޓްފިކެޓް ގިނަ ފަހަރަށް ދޫނުކުރާތީ ކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުނެފައިވެއެވެ.

"މަރުގެ ސެޓްފިކެޓް ދޫކުރުމާއި މަރުވަނީ ކީއްވެކަން ހޯދައިގަނެވޭ ނިޒާމުތައް ވަނީ ފޭލިވެފައި،" އޮފިޝަލަކު ބުނެފައިވެއެވެ.
ޣައްޒާ ސިޓީގެ މުނިސިޕަލިޓީން ބުނެފައިވަނީ "ހަނގުރާމައިން ސުންނާފަތިވީ ގެދޮރު އެކަނި ނޫން" ކަމަށާއި "ފުރާނަ ރައްކާތެރި ކުރުމަށް އިންސާނުން ބަރޯސާ ކުރާ ފެން ވެސް ވިހަ ވެއްޖެ" ކަމަށެވެ. އެ ގޮތުން ކުރިން ސާފު ފެން ހުރި ޕޮންޑް (ފެންގަނޑުތައް) އަދި އެކުއިފާ (ބިމުގައިވާ ފެން ފަށަލަ) މިހާރު ފުރިފައިވަނީ ނަރުދަމާގެ ނަޖިސް ފެނާއި ހަނގުރާމައިގެ ކުނިބުނިތަކުން ކަމަށެވެ.
"މި ހުރިހާ ކަމެއްގެ ނުރައްކާ އޮތީ އަހަރެމެންނާއި އަހަރެމެންގެ ކުޑަކުދިންނަށް،" މަންމައެއް ކަމަށްވާ އުންމު ހިޝާމް ބުނެފައިވެއެވެ.
މުނިސިޕަލިޓީއެއްގެ އޮފިޝަލެއް ކަމަށްވާ މާހިރު ސަލީމް ބުނެފައިވަނީ އޭނާ ރަސްމީ ގޮތުން ބަލަހައްޓާ އަވަށެއްގައި އޮތް ޕޮންޑްގެ ފެން މިހާރު ތަޣައްޔަރުވެފައިވާ ކަމަށެވެ.
"ނަޖިސް ފެން މިހާރު ހުރީ ހަ މީޓަރު މައްޗަށް އަރައިފައި. މި ޕޮންޑަށް ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅި ފިރިހެނުން ވެސް ވެއްޓުން އެކަށީގެންވޭ،" މާހިރު ބުނެފައިވެއެވެ.
ނަރުދަމާގެ ނިޒާމު ސުންނާފަތިވެ، ފެން ފޮނުވާ ހޮޅިތައް ހަލާކުވެފައިވާތީ ތަޣައްޔަރު ފެން ނޫން ފެނެއް ލިބެން ނެތް ކަމަށް ޣައްޒާގެ ނޫސްވެރިޔަކު ބުނެފައިވެއެވެ.
"އެ ކަން އެނގުނަސް ވިހަވެފައިވާ ފެން ބޭނުން ކުރުން ނޫން ގޮތެއް ނެތް،" އޭނާ ބުނެފައިވެއެވެ.



advertisment