އެއް ފަހަރަކު ހުރިހާ ހިކަނދިތައް ޖަލްސާއެއް ބޭއްވިއެވެ.
ޖަލްސާގައި މަޝްވަރާކުރީ ބުޅަލުގެ ކިބައިން ސަލާމަތްވެވޭނެ އެންމެ މޮޅު އުކުޅެއް ދެމެހެއްޓޭނެ ގޮތަކާމެދުއެވެ.
އެތައް ހިޔާލެއް ހުށަހަޅައި ބަހުސް ކުރި ފަހުން، ކޮންމެވެސް ވަރެއްގެ ކަމުވޮށިގެންވާ ހިކަންޖެއް ކޮޅަށް ތެދުވެ ބުންޏެވެ:
"ތިޔަ އެންމެންނަށް ކަމުދާ ނަމަ އަދި ތަންފީޒު ކުރަން ބޭނުން ނަމަ، ކުރިމަގުގައި އަހަރެމެންގެ ރައްކާތެރިކަން ޔަގީން ކުރެވޭނެ ރޭވުމެއް އަހަރެންގެ ވިސްނުމަށް އަތުވެއްޖެ ކަންނޭނގެއެވެ. އެއީ އަހަރެމެންގެ ދުޝްމަނެއް ކަމަށްވާ ބުޅަލުގެ ކަރުގައި ރަނގަބީލެއް އެޅުވުމެވެ. އޭގެ އަޑު ޖެހުމުން އެ ސޮރު އަހަރެމެންނާ ދިމާއަށް އަންނަކަމުގެ އިންޒާރު އަހަރެމެންނަށް ލިބޭނެއެވެ."
މި ހިޔާލަށް ހޫނު މަރުހަބާއެއް ކިޔައި، ހުރިހާ ހިކަންޖެއްހެން އަތްތިލަބަޑިޖެހިއެވެ. އަދި މި ނިންމުން ބަލައިގަންނަން ނިންމި ތަނާ، މުސްކުޅި ހިކަންޖެއް ދެ ފައި މައްޗަށް ތެދުވެ ބުންޏެވެ:
"ތިޔައީ ބަލައިގަންނަން ރަނގަޅު ރޭވުމެއް ކަމަށް އަހަރެން ތިޔަ އެންމެންނާ އެއްބަސްވަމެވެ. އެކަމަކު، ބުޅަލުގެ ކަރުގައި ރަނގަބީލު އަޅުވާނީ ކާކުތޯ އަހަރެން އަހައިލަން ހެއްޔެވެ؟"
އިބްރަތް:
ގަދަފަދަ ރޭވުންތަކަކީ ފަސޭހައިން ހުށަހެޅިދާނެ ހިޔާލުތަކެކެވެ. އެކަމަކު އެއީ އަމަލުކުރަން އުނދަގޫ ކަންތައްތަކެވެ. އެހެނީ ހިތްވަރާއި ވަސީލަތްތައް ނެތި ރަނގަޅު ހިޔާލުތަކަކީ އަގެއް ނެތް އެއްޗެކެވެ.
ނޯޓް:
މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕް – ނުވަތަ ބައެއް ފަރާތްތަކުން ބާބްރިއަސްގެ ނަމުން މުހާތަބު ކުރާ މީހެއް – އެއްކޮށްފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.
އީސޮޕްއަކީ "ފޭބްލް" ނުވަތަ މުނާފިގުކަން ދައްކުވައިދިނުމުގެ ގާބިލުކަން ހުރި އިންސާނުންނާ ހިލާފަށް، ހައިވާނުންގެ މިސާލު ނަގައިގެން ވާހަކަ ކިޔައިދިން މީހެކެވެ. އިންސާނުންނަކީ ނެތް ސިފަތަކެއް ދައްކައިގެން އުޅޭ، ހަމައެކަނި "ދެ ފުށް ކެހެރި" މަހުލޫގެވެ. އެހެން ހުރިހާ ހައިވާނުންނަކީ އޭގެ އަސްލު ފޮރުވައިގެން އުޅުމުގެ ގާބިލިއްޔަތުކަމެއް ނެތް ޖަނަވާރުންނެވެ. މިހެންވެ، އެ ސޮރުމެންގެ ހަޔާތުގެ ދަރުސުތަކުން ހާމަވާނީ، ހަޔާތުގެ ހަގީގަތްތައް އަސްލު ފެންނަ ގޮތް ކަމަށް، އީސޮޕްގެ ވާހަކަތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.



advertisment