މެރީނާ ޗެޕްމަންގެ ވާހަކައަކީ މީހުންނަށް ވަރަށް މަދުން ނޫނީ ނީވޭ ކަހަލަ، އަސަރުން ފުރިގެންވާ ވާހަކައެކެވެ. ކޮލަމްބިއާގައި އުފަންވި މެރީނާ ވަނީ އޭނާގެ އުމުރުން ހަތަރު އަހަރުގައި ވަގަށް ނަގައިގެން ގޮސް އެ ރަށުގެ ބޮޑު ޖަންގަލީގެ ތެރެއަށް ދޫކޮށްލައިފައެވެ. އެކަން ކުރި މީހުން އެކަން ކުރީ ކޮން ސަބަބަކާ ހެދި ކަމެއް މަރީނާއަކަށް ނޭނގެއެވެ. އޭނާ ހަނދާންވަނީ އޭނާ ވަގަށް ނަގައިގެން ގޮސް ޖަންގަލީގެ ތެރެއަށް ދޫކޮށްލީ ކަޅު މީހަކާއި ދޮން މީހެއްކަން އެކަންޏެވެ.
ޖަންގަލީގައި އެންމެ ފުރަތަމަ ދެތިން ދުވަސް މެރީނާ ހޭދަކުރީ އޭނާ ހޯދަން މީހަކު އަންނާނޭ ކަމުގެ އުންމީދުގައެވެ. އޭނާ އެތާނގައި އިންދާ ކައިރި ގަސްތަކަށް ރާމާމަކުނުތަކެއް އެއްވާން ފެށީއެވެ. އެސޮރުމެނަށް އޭނާ ފެނުނު ހިސާބުން ދެން އޭނާ ކައިރިއަށް އެނބުރި އަންނަމުން ދިޔަ ކަމުގައި މެރީނާ ކިޔައިދިނެވެ. މެރީނާއަށް ރާމާމަކުނުތައް އޭނާއަށް ބަލާކަން އެނގުމުން އެ އިންތަނުން ތެދުވެގެން އެސޮރުމެން ފަހަތުން އުޅެން ދަސްކުރަން ފެށިއެވެ. އެސޮރުމެން ކައި ބާކީވާ އެއްޗެހި ކައި ފެންބޯ ތަނުން ފެންބޮއެ އުޅެން ދަސްކުރިއެވެ. ރާމާމަކުނުތައް ފަހަތުން ގަސްގަހަށް ހަލުވިކޮށް އަރައި، އެއް ގޮފިގަނޑުން އަނެއް ގޮފިގަނޑަށް ފުންމަން ދަސްކުރިއެވެ. އަދި އެސޮރުމެން އެކަތި އަނެކައްޗާ މުއާމަލާތްކުރާ އަޑުތައް ދަސްކޮށް ޖަންގަލީގެ ތެރޭގައި ދިރިއުޅެން ދަސްކުރިއެވެ.
މެރީނާ އޭނާއަށް ކުރެވުނު ތަޖުރިބާތައް މީޑިއާއަށް ކިޔައިދެމުން އޭނާ ރާމާ މަކުނުތަކާ އެކުގައި އުޅުނު އިރުގައި ކާއެއްޗެހި ހޯދަން އެސޮރުމެންނާ ވާދަކުރަން ޖެހުނު ވާހަކަ ކިޔައިދިނެވެ. އެސޮރުމެން އޭނާއަށް ބެލިޔަސް ކާއެއްޗެހި ހޯދުމުގައި އޭނާއަށް ވަކި ހާއްސަކަމެއް އެސޮރުމެން ނުބަހައްޓައެވެ. އެ ގޮތުން މެރީނާ އެތަނުން ބައެއް ރާމާމަކުނު ފަހަތުން ޖަންގަލިން ބޭރަށް ނުކުމު ޖަންގަލި ކައިރީގައި އުޅޭ ބައެއްގެ ގެޔަށް ވަދެ ދޮންކޭލާއި އެހެން މޭވާ ޖަހައިގަނެގެން ވަގުތުން ނުކައިލައިފިނަމަ ރާމާމަކުނުތައް އޭއްޗެހި އޭނާގެ އަތުން ޖަހައިގަންނަން އުޅޭ ވާހަކަ މެރީނާ ކިޔައިދިނެވެ.

އެއް ފަހަރަކު ގަހަކުން ދިގުކޮށް ހުރި މޭވާތަކެއް (ހެލެނބެލި) މެރީނާއަށް ފެނިގެން އޭއްޗެހި ކާން ފެށިއިރުގައި ރާމާމަކުނުތައް އޭއްޗެހި ނުކައި ތިބުމުން ހައިރާންވި ކަމަށާއި ނަމަވެސް އިރުކޮޅެއް ފަހުން އޭނާއަށް ވާން ފެށިގޮތުން އެއީ ކީއްވެގެންކަން ވިސްނުން ކަމުގައި މެރީނާ ބުންޏެވެ. އޭނާ ބަނޑަށް ތަދުވެގެން އެނބުރުން އަރަން ފެށިތަން ބަލަން ދުރުގައި އިން ރާމާމަކުނު ތަކުތެރެއިން އިސް އެއްޗެއް އޭނާގެ ކައިރިއަށް ގޮސް އޭނާގެ މޭގައި އަޅައި ކޮއްޕަމުން ކައްޕަމުން ގޮސް ކޯރަށް އޭނާ ވައްޓައިލުމަށް ފަހު އޭނާގެ ބޯ ފެންގަނޑުގެ ތެރެއަށް ކޮއްޕައިގެން ފެންބޯންދިނުމުން އޭނާ އޯކާދެމިފައި ހޮޑުލެވެން ފެށިއެވެ. އޭނާގެ ބަނޑު ހުސްވަންދެން ރާމާމަކުނު އޭނާގެ ކައިރީގައި މަޑުކުރުމަށް ފަހު އޭތި ދުރަށް ދިޔައީ ކަމުގައިވެއެވެ.
ރާމާމަކުނުތައް މެރީނާއަށް ކަންތައް ކުރީ އެސޮރުމެންގެ ޖަމާއަތުގެ ބައެއް ގޮތަށެވެ. އެސޮރުމެން މެރީނާގެ ބޮލުން އުކުނު ނަގައިދިނުމާއި އޭނާގެ ކޮނޑަށް އަރައި ތިބުން ފަދަ ކަންކަން ކޮށްފައިވެއެވެ. މެރީނާ ބުނިގޮތުގައި އެ ޖަންގައްޔަށް ދާ އިންސާނުންނަށް އޭނާ އުޅުނީ ފިލައިގެންނެވެ. ނަމަވެސް އެތާނގައި އުޅޭތާ ފަސް އަހަރު ވަނިކޮށް އެއް ދުވަހު ޖަންގަޔަށް ދިޔަ އަންހެނަކާއި ފިރިހެނެއްގެ ކައިރިއަށް އޭނާ ދިޔައީ ކަމުގައި ވެއެވެ. މެރީނާ ބުނާގޮތުގައި އެއީ އެ އަންހެން މީހާގެ ލޮލުން އޯގާތެރިކަން ފެނުމުން ކަމަށް ވެއެވެ.
ނަމަވެސް އެމީހުން މެރީނާ އެތަނުން ހިފައި އޮބަހައްޓައިގެން ގެންގޮސް އޭނާ ވިއްކައިލީ ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކާ ގެޔަކަށެވެ. އެގޭ އަންހެން މީހާ މެރީނާއަށް ވަރަށް އަނިޔާވެރިކަމަށާއި އޭނާ އެހެން ކުދިން އުޅޭގޮތަށް ނޫޅޭތީ ވަރަށް ހާނީއްކަ ކުރި ކަމަށް ވެއެވެ.
މެރީނާ އެ ގެއިން ފިލައިގެން ގޮސް އުޅުނީ އެ ރަށުގެ މާރުކޭޓު ސަރަހައްދުގައި ކާއެއްޗެހި ފޭރިގެން ކައިގެންނެވެ. އޭނާއަށް ދަސްވެފައިވާ ހުނަރުގެ ސަބަބުން ކާއެއްޗެހި ޖަހައިގަނެގެން ދުވެފައި ގޮސް ގަސްގަހަށް އަރައި ފުލުހުންނަށް ފިލުމަކީ އޭނާއަށް އެހައި އުނދަގޫ ކަމެއް ނޫނެވެ. އޭނާގެ އެ ހުނަރު ފެނިގެން އެ ރަށުގެ މާފިޔާ ބަޔެއް އޭނާ ހޮވައިގެން އެމީހުންގެ އަޅަކަށް ހަދައިގެން ގެންގުޅުނު ކަމަށް ވެއެވެ.
އޭނާ އެހެން އުޅުމުގެ ތެރޭގައި ކުރީގައި އުޅުނު ހަށިވިއްކާ ގެ ކައިރީގައި އުޅުނު މާމައަކަށް ފެނިގެން އޭނާއަށް އެހީތެރިވެދޭން ނިންމި ކަމަށް ވެއެވެ. އޭނާ މެރީނާ ޔޫކޭއަށް ދާން ހުރިހައި ކަމެއް ހަމަޖައްސައިދިނެވެ. މެރީނާ ބުނިގޮތުގައި އޭނާއަށް އެންމެ އުނދަގޫވީ ހެދުން ލައިގެން ބޫޓަށް އަރައިގެން އުޅޭށެވެ. ޖަންގަލީގައި އެހާ ދުވަހު އުޅުނު އިރުގައި އޭނާ އުޅުނީ އެއްވެސް އެއްޗެއް ނުލައެވެ.
އުމުރުން 14 އަހަރުގައި ޔޫކޭއަށް ބަދަލުވެގެން އޭނާ އުޅުނީ އެ މާމަގެ ދަރިފުޅުގެ ގޭގައި އޭނާގެ ދަރިފުޅުގެ ކުދިން ބަލާށެވެ. އެ ހިސާބުން އޭނާ އަލުންބަލުން މުޖުތަމައުއާ ގުޅެން ފެށީއެވެ.
މެރީނާ ކައިވެނި ކުރީ ޔޫކޭ ސައިންޓިސްޓަކާއެވެ. މެރީނާގެ ދެ އަންހެން ދަރިން ތިބެއެވެ. އޭނާގެ ދަރިން ބޮޑުވެގެން އައީ އެމީހުންގެ މަންމަގެ އާދަޔާ ހިލާފު އުކުޅުތައް ދެކިގެންނެވެ. އޭނާގެ މަންމަ ހަލުވިކަމާއެކު ގަސްގަހަށް އަރައި ދޫނިހިފާތަން އާދަކޮށް ފެނިގެންނެވެ. ނަމަވެސް ވަރަށް ގިނަ ދުވަސް ވަންދެން އޭނާގެ މާޒީ އޭނާ އުޅުނީ ސިއްރުކޮށްގެންނެވެ.
މެރީނާގެ އަންހެން ދަރިފުޅު ވެނިއްސާގެ އެހީގައި އޭނާގެ ހަޔާތުގެ ވާހަކަ ވަނީ ލިޔެފައެވެ. މެރީނާ ވަނީ ކޮލަމްބިޔާއަށް އޭނާ އުޅެބޮޑުވި ޖަންގަލި ހޯދަން ދަތުރުކޮށްފައެވެ. ނަމަވެސް ވަރަށް ގިނަ ސަރަހައްދުތަކަށް ދިޔުމަށް ފަހުގައިވެސް އޭނާ އުޅުނު ހިސާބަކަށް ނުދެވުނެވެ. އޭނާ ވަނީ އެކަމުގެ ސަބަބުން ނާއުންމީދުވެފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ ދުނިޔޭގައި ހުރީ ރާމާމަކުނުތައް އޭނާއަށް ބެހެއްޓި އިހުސާންތެރިކަމުގެ ސަބަބުންނެވެ.
މެރީނާގެ ވާހަކައަކީ ހަގީގީ ވާހަކައެއް ކަމުގައި ވަނީ ޔޫކޭގެ ޖަނަވާރާ ބެހޭ ދިރާސާކުރާ މީހުން ޔަގީންކޮށްދީފައެވެ. އެއީ އެ ބާވަތުގެ ރާމާމަކުނުގެ އާދަތައް އެސޮރުމެންނާ އެއްކޮށް ދިރިނޫޅޭ މީހަކަށް ނޭނގޭނޭ ވަރަށް މެރީނާއަށް އެނގޭތީއެވެ.



advertisment