ބީ.އެމް.އެލް އިން ސ. ހިތަދޫ ބްރާންޗުގައި އައު ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައި، މަރަދޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްފިއެވެ. އަދި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުދޫގައި އައު ބްރާންޗެއްގެ ބިންގާވެސް ވަނީ އަޅައިފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކިން ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަކުރަން ބޭންކުން މުހިންމު އަހުމިއްޔަތުކަމެއް ދޭ ކަމަށެވެ.
"އައްޑޫގައި ޚިދުމަތް ފުޅާކުރުމަކީ ކަސްޓަމަރުން ބޭނުންވާ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް،" ޝަރީފް ވިދާޅުވިއެވެ.
އައްޑޫ ހިތަދޫ، ހުޅުމީދޫ އަދި މަރަދޫ ފޭދޫގައި ގާއިމުކޮށްފައި ހުންނަ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ބޭންކުން މިހާރުވެސް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެއެވެ. އަދި 11 އޭޓީއެމްގެ ސެލްފް ސަރވިސް ބޭންކިންގެ އޭޓީއެމް ސެންޓަރަކާއި، ހިތަދޫގައި ގާއިމުކޮށްފައިވާ ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ދެމުން އަންނައިރު، ބޭންކުގެ ކޮންޓެކްޓް ސެންޓަރެއްވެސް އައްޑޫގައި ހިންގައެވެ.
"މީގެ ތެރެއިން މަރަދޫ ފޭދޫގައި ހިންގާ ބޭންކުގެ ބްރާންޗް (ބީއެމްއެލް ގަމު ބްރާންޗް) އަކީ ބޭންކުގެ ތާރީހުގައި ވަރަށް ހާއްސަ ބްރާންޗެކެވެ. ގަމު ބްރާންޗަކީ މީގެ 40 އަށްވުރެ ގިނަ އަހަރު ކުރިން، 1983 ވަނަ އަހަރު މާލޭން ބޭރުގައި ގާއިމުކުރި ބޭންކުގެ ފުރަތަމަ ބްރާންޗެވެ." ބީ.އެމް.އެލް އިން ބުނެއެވެ.
"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 261 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ."



advertisment

