އެއީ މީގެ ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ކުރީގައި ހިނގި ހާދިސާއެކެވެ. މެކްސިކޯގެ ޗިހުއާހުއާ ކިޔައި ސަރަހައްދެއްގައި ހުންނަ މަޝްހޫރު ލާ ޕޮޕިއުލާރ ކިޔައި ކައިވެނި ހެދުން ވިއްކާ ފިހާރައެއްގެ ކުޑަދޮރުގައި ހެދުން ލައްވާފައި ބަހައްޓައިފައި ހުރި ލާ ޕަސްކުއަލީޓާގެ ނަމުން މަޝްހޫރުވި ބުދެއްގެ ސަބަބުން މުޅި ރަށު ތެރޭގައި އަޖައިބުކުރުވަނި ބިރުވެރި ވާހަކަތައް ފެތުރެން ފެށިއެވެ. ކައިވެނި ހެދުމެއް ލައްވައިފައިވާ މެނިކިންއަކީ އަސްލު ބުދެއް ނޫން ކަމަށާއި މަރުވެފައިވާ ގަބުރެއް ހަލާކުނުވާ ގޮތަށް ހަދައިފައި ބަހައްޓައިފައި ހުރީ ކަމަށް މީހުން ކިޔައި އަޑު އަރަން ފެށީއެވެ.
މި ވާހަކަ ފެށުނީ އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަން ހިނގައި ދިޔަގޮތުންނެވެ. ޕަސްކުއަލީޓާ ފިހާރައިގެ ކުޑަދޮރުކައިރިން ފެނުމުގެ މަސް ދުވަސް ކުރިން އެ ފިހާރައިގެ ވެރިޔާގެ ފަސްކުއާލް އެސްޕަރްޒާގެ އަންހެން ދަރިފުޅުގެ ކައިވެނި ކުރަން އޮތް ދުވަހު އެ އަންހެން ކުއްޖާ ވަރަށް ހިތާމަވެރި ގޮތަކަށް މަރުވީއެވެ. އޭނާ މަރުވީ ގައިގައި ވިހަގަދަ ފައިދިގު މަކުނެއް ދައިގަނެގެންނޭ ބައެއް މީހުން ކިޔައި އުޅުނެވެ. އޭނާ މަރުވީ ނަގުލަންދާއްޓެއް ކަށި ޖަހައިގެން ކަމަށް ވެސް ބައެއް މީހުން ބުނެއުޅުނެވެ. އަދި އޭނާ މަރުވީ އަމިއްލައަށް ކަމަށާއި އެކަން އޭނާ ކުރީ އޭނާގެ ކައިވެންޏަށް އޭނާގެ މަންމަ ގަބޫލު ނުވުމުން ކަމަށް ވެސް ބައެއް މީހުން ކިޔައި އުޅުނެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާގެ މަރުވިގޮތް އެހާ ސާފެއް ނޫނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، 1930 ވަނަ އަހަރުގެ ބަހާރު މޫސުމުގެ ކަލެކްޝަން ދައްކައިލަން އެސްޕްރާޒާ އޭނާގެ ފިހާރައިގެ ކުޑަދޮރުކައިރީގައި މި ބުދު ކައިވެނި ހެދުމެއް ލައްވައިފައި ބެހެއްޓިއެވެ. ނަމަވެސް މީހުން އަޅައިގަތީ އެ މެނިކިން ލައްވައިފައިވާ ހެދުމުގައެއް ނޫނެވެ. މީހުންނަށް އަޅައިގަތީ ބަހައްޓައިފައި ހުރި ބުދު އަސްލު އިންސާނަކާ ވައްތަރު މިންވަރެވެ. އެއީ އެހާތަނަށް ފެނިފައިނުވާހާ އަސްލާ އެއްގޮތް ބުދެކެވެ.
އޭގެ ލޮލާއި، ނިޔަފަތިތަކާއި، ފައިގައި ފެންނަން ހުރި ނާރުތައްވެސް ހީވަނީ އަސްލު އިންސާނެއްގެ ސިފަތައް ހެންނެވެ. އެ ހިސާބުން ފެށިގެން މުޅި ރަށުތެރޭގައި އެއީ ހަގީގީ ބުދެއް ނޫން ކަމާއި އެއީ ފިހާރަ ވެރިމީހާގެ މަރުވެފައިވާ ދަރިފުޅުގެ ގަބުރު ކުނި ނުވާ ގޮތަށް ހަދައިފައި އޭނާ އަސްލު ލާން ހަމަޖެހިފައި އޮތް ހެދުން ލައްވައިފައި ބަހައްޓައިފައި ހުރީކަމުގައި އަޑު އަރަން ފެށިއެވެ. މީހުން އެ "ގަބުރު" ބަލައިލަން ފިހާރަ ދޮށަށް ތޮއްޖެހެން ފެށިއެވެ.
އޭރު އެ ފިހާރަދޮށުން ހިނގައި ބިނގައިވެ އުޅުނު މީހުން ބުނަމުން ގެންދިޔައީ އެ "ގަބުރު" އެމީހުންނާ ދިމާލަށް ބޯ އަނބުރައިގެން ބަލައި ވާހަކައެވެ. ނަމަވެސް އެނބުރި ބަލައިލާއިރު އަލުން ހުރި ގޮތަށް އެނބުރި ރުޖޫއަވާ ވާހަކައެވެ. މި "ގަބުރު" ފިހާރައިގައި ބެހެއްޓުމުގެ ސަބަބުން ފިހާރައިގައި މަސައްކަތްކުރާ މުއައްޒަފުންނަށް ވެސް ނުތަނަވަސްކަން ތަހައްމަލުކުރަން ޖެހުނެވެ. އެތަނުން ބައެއް މީހުންނަށް ލަ ޕަސްކުއަލީޓާ ކައިރިން ދާ އިރުގައި އޮއްދާ ހިތްލާ ވާހަކައާއި ހީކަރުވާ ވާހަކަ ބުނެފައިވެއެވެ. އެމީހުން ބުނާ ގޮތުގައި "ގަބުރު" ގެ އަތުގެ ނިޔަފަތިތައް އެއީ ހަމަ އަސްލު ނިޔަފައްޗެވެ. އަދި ފައިގެ ނާރުތައް ފާޅުކޮށް ފެނެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެއީ އަސްލު އިންސާނެއްގެ ގަބުރެވެ. ބުދެއް ނޫނެވެ.

ލަ ޕަސްކުއަލީޓާއާ ބެހޭ ގޮތުން އުފެދުނު ވާހަކަތަކުގެ ތެރޭގައި އެ ރަށަށް ޒިޔާރަތްކުރި ފަރަންސޭސީ ޖާދޫގަރެއް އެ "ގަބުރު"ގެ އަވައިގައި ޖެހިގެން އެ ރަށުގައި މަޑުކޮށް ކޮންމެ ރެއަކު ދަންވަރު އައިސް އެ ގަބުރަށް ޖާދުލުން ފުރާނަ އަޅުވައިގެން މުޅި ރަށުތެރޭގައި އޭނާއާ އެކީގައި ނަށައި ހަދައިފައި ގެނެސް އެބުދު އަލުން ފިހާރައިގައި ބަހައްޓާ ވާހަކަ ވެއެވެ. އައްޑިހައިގެ އަހަރުތަކުގައި މަޝްހޫރުވި "ނަތިންގްސް ގޮނަ ސްޓޮޕް އަސް ނައު" ލަވައަކީ މި "ގަބުރު"ގެ ވާހަކަ އަސްލެއް ގޮތުގައި ދެކިގެން ހަދައިފައިވާ ލަވައެއް ކަމުގައި މީހުން ބުނެއުޅެއެވެ.
ލާ ޕަސްކުއަލީޓާއަކީ ހަގީގަތުގައި ގަބުރެއްތޯ ހޯދުމުގެ މަސައްކަތަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އެއީ ގަބުރެއްތޯ ޓެސްޓުކުރުމަށް ފިހާރައިގެ ވެރިން ގާތު އެދުމުންވެސް އެކަމަށް ހުއްދައެއް ނުދިނެވެ. ފަހުން ފިހާރައާ ހަވާލުވި އާ ވެރިންވެސް އެ ބުދު އެ ފިހާރައިގެ ދޮރުމަތީގައި އެތައް އަހަރެއް ވަންދެން ބެހެއްޓީ އެއަށް ލިބިފައިވާ މަޝްހޫރުކަމުގެ ސަބަބުންނެވެ. އެހެން ކަމުން ލަ ޕަސްކުއަލީޓާގެ ހަގީގަތް ސިއްރުކުރުމަށް އެމީހުން އިސްކަން ދިނެވެ.
ސައިންޓިސްޓުން ބުނާގޮތުގައި ލަ ޕަސްކުއަލީޓާއަކީ ހަލާކުނުވާ ގޮތަށް ހަދައިފައިވާ ގަބުރަކަށް ވުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ މެކްސިކޯގެ ހޫނުމިނުގައި އެގޮތަށް ހަދައިގެން ގަބުރެއް ހަލާކުނުވެ ނުގެންގުޅެވޭނޭ ތީއެވެ. ބައެއް މީހުން ބުނާ ގޮތުގައި ލަ ޕަސްކުއަލީޓާއަކީ އޭރު ފްރާންސްގައި އޭރު އަލަށް ހަދަން ފެށި އަސްލާ އެއްގޮތް މެނިކިން ތެރެއިން މެނިކިންއެކެވެ. ނަމަވެސް ފިހާރައިގެ ވެރިން މިކަން ކަށަވަރުކޮށް ދީފައި ނުވާތީ އެއީ އަދިވެސް ޔަގީން ކަމާއެކުގައި ޖަވާބު ނުދެވޭ ސުވާލެކެވެ.
ލާ ޕަސްކުއަލީޓާގެ ސިއްރު ދެމެހެއްޓުމަށްޓަކައި ފިހާރައިގެ ވެރިން ހާއްސަ ފިޔަވަޅުތައް އަޅައެވެ. އޭނާގެ ހެދުން ބަދަލު ކުރެވެނީ ހާއްސަ މުއައްޒަފުންނަށެވެ. އަދި އޭނާގެ ހެދުން ބަދަލުކުރަނީ ފިހާރަ އެއްކޮށް ނިވާކޮށް ރޭގަނޑުގެ ވަގުތު ތަކުގައެވެ. އެއީ އޭނާ ހެދުން ބަދަލުކުރާތަން މީހަކަށް ފެނިގެން ލަދު ގަނެފާނޭތީއެވެ.
މީހުން އެ ރަށަށް ޒިޔާރަތްކުރާ އެންމެ ބޮޑު އެއް ސަބަބަކަށް ވޭތުވެދިޔަ ގަރުނުގައި ވީ ލަ ޕަސްކުއަލީޓާއެވެ. ނަމަވެސް. މިދިޔަ އަހަރު ފިހާރައިގެ މެނޭޖުމަންޓުންވަނީ ލަ ޕަސްކުއަލީޓާ އެ ފިހާރައިގެ ކުޑަދޮރު ޑިސްޕްލޭއިން ނަގައިފައެވެ. ނަމަވެސް މިހާރުވެސް އެ ފިހާރައިގައި "ލަ ޕަސްކުއަލީޓާ"ގެ ތާރީހު ލިޔެފައިވާ ބޯޑެއް ބަހައްޓައިފައި ހުރެއެވެ.



advertisment