ޒުވާނުން ބާރުވެރިކޮށް ތަމްރީނުތައް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލް އާއި ޔޫތު މިނިސްޓްރީއާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ތިން އަހަރަށް އިތުރުކޮށްފިއެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ޝައްމާނެވެ. އެމް.ޕީ.އެލްގެ ފަރާތުން، ޑެޕިއުޓީ ސީ.އީ.އޯ މުހައްމަދު މުއީނެވެ.
މި އެއްބަސްވުމަކީ ޒުވާނުންނަށް ޤައުމީ ފެންވަރުގެ ތަޢުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް އިތުރުކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ކަނޑައެޅިފައިވާ ދާއިރާތަކުގައި ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އެމް.ޕީ.އެލް އިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޒުވާނުންގެ މެދުގައި ޕްރޮމޯޓްކުރުމުގެ އިތުރުން، މި ތަމްރީނު ޕްރޮގްރާމްތަކުގެ ކުރިއެރުމާއި ފެންވަރު މޮނިޓަރކުރުން ހިމެނެއެވެ. އަދި މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓް ދިނުންވެސް ހިމެނެއެވެ.
އެމް.ޕީ.އެލް އިން ވަނީ ޔޫތް މިނިސްޓްރީއާ ގުޅިގެން ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ބެޗް ކާމިޔާބުކަމާއެކު ހިންގައިފައެވެ.
"މި އެއްބަސްވުން އައުކުރުމަކީ ޒުވާނުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ހޯދައިދީ، ގިނަ ފުރުޞަތުތަކެއް ހުޅުވައިދިނުމަށް ލިބިގެންދާ ފަހި ފުރުސަތެކެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައި ބުންޏެވެ.



advertisment

