އޭ މަގޭ ލޮބުވެތި ވަޠޮން ތިޔައީ މަށަށް އޮތް އިއްޒަތޭ
ރޭ ދުވާ ހޭލާ ބަލަން އެދެވޭ މި ހިތުގެ އަމާނަތޭ
ފޯދި ހެދެމުން އަންނަ ތިޔަ ގުލްޒާރަކީ ދުނިޔޭ ބިމުން
ލޯބި ދެވަރެއް ނެތި ވަނުން އަބަދަށް އެދޭނޭ ޖަންނަތޭ
މަންމައެއް ފަދައިން ބައެއް ފަހަރަށް މަގޭ މޭ ފިރުމައޭ
ވަންނަނީ ދަރިކުލުނުގައި ސިފަވާ ހިތަށް ތިޔަ ނިޢުމަތޭ
މޫނުގައި ތިޔަ ފިރުމަމުން ވައިރޯޅިތައް އައިސް ބީހުމުން
ރޫޙުގައި ހެޔޮ އިޙުތިރާމަށް ހޭލަނީ ތިޔަ ހައިބަތޭ
ބަސްމަގުން ލޮބުވެތި ތިބާ ނަން އުފުލި ނަމައީ އެ ދުލަކަށް
ބޮސްދިނުން އެދިއެދި އޮތީ މިއަޅާގެ ހެޔޮ ނިޔަތާ ހިތޭ
ދުނިޔެ އަށް އަނިޔައިގެ އަދު ދާ ފަތުރަމުން ކެހިވެރި ނަޒަރު
ހުނިޖަހައި ބަލަމުން ދަނީ ލޮބުވެތި ތިބާގެ ސަގާފަތޭ
އެންމެ ފަހު ނޭވާލުމަށް އެދެނީ އަމާން ތިޔަ އުނގުގައޭ
ލެއްވެވުން ސިލްމާ ސަލާމަތުގައި އެދޭ މީ ޣާޔަތޭ