މަގޭ ޤައުމުގެ ދުލުން ގޮވަނީ އަލުން ތެދުވާށެ ތިން ތަކުރާ!
އަގޭ މި ދަނީ މަގޭ ޝަރަފާ ނެތިވެ މިނިވަންކަމާ ފަޚުރާ
ފުރެތިކާލުން އައިސް އުތުރުން އަރައިގަތް ހިނދު އެކީ މިތަނަށް
ކުރެވި ދިޔަ ބުރަ މަސައްކަތަކުން ފަހައިލީ ކޮށްގެނޭ ނަޣަރާ
ފަހުން ހޮޅި ދުޝްމަނުން މި ތަނަށް އައީ ވެސް ހަމަ ދިމާ އުތުރުން
ލަހުންނެއް ނޫން ވަރަށް އަވަހަށް ހަސަން މަނިކޭ ކުރީ ދަފަރާ
ރަދުން އެފަހުން ކަލާފާނޭ ކުރެއްވީ ތަޖުރިބާ ހަމަލާ
މަޑުން ނުމެ ހުންނަވައި މުޅި ބިން ދިފާޢުކުރެއްވި އެއް ފަހަރާ
މި ޖީލުގެ ބަޠަލަކަށް އެ ފަހުން ހުސެން އާދަމްގެ ނަން ވިދަނީ
މި ދީބަށް ނަޞްރު ލިބިދެއްވީ ފުރާނަފުޅުންނެ ފަހު ފަހަރާ
މިއަދު ފެންނަން ފެށީ އެ ދުވަސް، ވަނީ ބޭނުންވެފައި ބަޠަލުން
ގިއަރު މެކުހަށްޖަހައިގެން ވެސް ނުކުންނާންވީއްޔެ އެއް ފަހަރާ
އިވެން އަދު ވެސް ފެށީ އުތުރުން އަޑޭ ގުގުމަން ޑަޑޫރާއިން
އިމެއް ނެތް މިންވަރަށް އުޅެނީ ކުރަން އަޅުވެއްޗެ ހަންފަތުރާ
ދަރީންނޭ! ކޮންމެ ޢުދުވާނެއް މި ގައުމަށް އަދި އައީ އުތުރުން
ދަރީން ހަމަ ކޮންމެ ފަހަރަކު ވެސް ލިޔޭ ކުރިމަތި އެއައި ހުތުރާ
ފުކެއް ވެސް އެންމެ ވެލި މި ބިމުން ނުދޭނަން ހަމަ ހިލާ ރުހުމުން
ދުކެއް ދޭނަން ޢަދުއްވުންނަށް އަތުން ދައްކައި ކެރުން، ހަތުރާ!
މި އީމާނާއެކީ ކެރިގެން ހުރީން ކުރިމަތި ލުމަށް އެކަކަށް
މިއީ ގައުމޭ މަގޭ ވެސް އޮންނަ ހިއްސާ ދިވެހި ސަރުކާރާ
މިއީ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރުގެ ޝުޢޫރުތަކޭ
މިއީ ދެލޮލުން އޮހޭ ހިތި ކަރުނަތައް ފެންނާނެ ފައްވާރާ