Support Us

ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު މަރުވި ހާދިސާގައި އެތެރޭ ތަހުޤީގެއް އެމް.ޕީ.އެލް އިން ފަށައިފި

މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާލުން ކޮޅުވެއްޓިއެއް އިއްޔެ ބަންޑުން ޖަހާލައި ދެ މީހަކު މަރުވި މައްސަލައިގައި އެތެރޭ ތަހުޤީގެއް އެމް.ޕީ.އެލް އިން ފަށައިފިއެވެ.

އެމް.ޕީ.އެލް އިން ބުނީ އިއްޔެގެ މި ހަދިސާގައި މަރުވީ އެ ކުންފުނީގެ މަސައްކަތު މީހުންގެ މަގާމުގައި ތިބި ދެ މީހުން ކަމަށްވާ އަފްލާޙް އަބްދުﷲ، 25، އާއި ބަންގްލަދޭޝްގެ މަސޫދު ހޮސެއިން، 32، ކަމަށެވެ. މީގެ ތެރެއިން މަސޫދު ނިޔާވީ އިއްޔެ ހަވީރު ހާދިސާ ހިނގި ވަގުތު، ކަނޑުމަތީގައެވެ. އޭނާ ވަނީ އެމް.ޕީ.އެލްގައި ތިން އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައެވެ.

އަފްލާޙް މަރުވީ ސީރިއަސް އަނިޔާތަކެއް ވެގެން އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުއެވެ. އޭނާ އެމް.ޕީ.އެލްގައި ވަޒީފާ އަދާކުރަންފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ.

"މި ހިތާމަވެރި ހާދިސާގައި ނިޔާވި ދެ މުވައްޒަފުންގެ އާޢިލާއަށް މި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވަމެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، މި ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު ވަނީ އެތެރޭ ތަހުޤީގު ފަށައިފައެވެ. އަދި ތަހުޤީގުން އެނގޭ މަޢުލޫމާތަށް ރިޔާއަތްކޮށް، އިތުރު މަޢުލޫމާތު އާންމުކުރާނެ ވާހަކަ ދަންނަވަމެވެ." އެމް.ޕީ.އެލްގެ ބަޔާނުގައިވެއެވެ.