ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުންފަތާ ދެކޮޅަށް ކުރިއަށްގެންދިޔަ "ނެޝަނަލް ޓޯޗް ރަން"ގައި އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.
މިނިސްޓްރީ އޮފް ހެލްތު އަދި، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަން ގުޅިގެން އިއްޔެއާއި މިއަދު މާލޭ އެކުވެނި ޓްރެކްގައި ކުރިއަށްގެންދާ މި ދުވުމަކީ، ދުންފަތުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމާއެކު، ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް، ހުއްޓުމެއްނެތި 24 ގަޑިއިރަށް ކުރިއަށްގެންދާ މި ދުވުމުގައި، އެޗްޑީސީގެ އެމް.ޑީ އަލީ ޒުހައިރާއެކު އެ ކުންފުނީގެ 350 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
"ދުންފަތުގެ ޖެނެރޭޝަނަލް ބޭން ހިމަނައި، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް މިއަދު އަމަލުކުރަން ފެށިއިރު، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މުޖްތަމައުއަށް ފައިދާ ހުރި ކަންކަމުގައި އެޗްޑީސީގެ ޓީމުން އަބަދުވެސް ފުރިހަމަ އެއްބާރުލުންދެއެވެ. އެޗްޑީސީގެ އަމާޒަކީ، ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށް އެހީތެރިވުމެވެ." އެޗްޑީސީގެ ބަޔާނެއްގައި ބުންޏެވެ.



advertisment

