އެމެރިކާގެ ރައީސް ކަމަށް 2028 ގައި ތިންވަނަ ދައުރަކަށް ކުރިމަތިލެއްވުމުގައި ދުސްތޫރީ ހުރަހެއް އެބައޮތް ކަމަށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން އެއްބަސްވެ ވަޑައިގަންފިއެވެ.
"ތިންވަނަ ޓާމަކަށް ކުރިމަތިލުމަށް މަގުފަހި ކުރެވިފައެއް ނުވޭ،" ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.
އޭނާ އިޝާރާތް ކުރެއްވީ އެމެރިކާގެ ގާނޫނު އަސާސީގެ 22 ވަނަ އިސްލާހަށެވެ.
ގާނޫނުއަސާސީއަށް ބަދަލެއް ގެނެވެނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓުންނާއި ސްޓޭޓްތަކުގެ ހަތަރުބައިކުޅައިން ތިންބައި، ނުވަތަ 50 ސްޓޭޓްގެ ތެރެއިން 38 ސްޓޭޓްގެ ވޯޓު ލިބިގެންނެވެ.
މިއީ 1933 އިން 1945 އަށް އެމެރިކާގައި ފްރޭންކްލިން ރޫޒްވެލްޓް ޖެހިޖެހިގެން ހަތަރު ދައުރު ރައީސްކަން ކުރެއްވީމާ އެހާ ބޮޑު ބާރެއް އެކަކަށް އެހާ ގިނަ ދުވަހު ނުދޭންވެގެން 1951 ގައި ގެނައި އިސްލާހެކެވެ.
އިނގިރޭސި ވިލާތުގެ ދަށުން 1776 ގައި، ޔައުނީ 249 އަހަރު ކުރިން، އެމެރިކާ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރީއްސުރެ ވެސް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުން އެހާ އުނދަގޫ ކަމަކަށް ހަދައިފައި އޮންނަނީ އާދައިގެ ގޮތަކަށް ސަރުކާރަށް އަޣުލަބިއްޔަތެއް ލިބުނަސް ނުވަތަ އާދައިގެ ސިޔާސީ ޓްރެންޑެއް އަޔަސް އެއީ ދާއިމީ ކަމަކަށް ނުހެދުމުގެ ނިޔަތުގައެވެ.
ގާނޫނުއަސާސީއަށް ގެނައި 22 ވަނަ އިސްލާހުގެ ސަބަބުން ތިންވަނަ ދައުރަކަށް ކުރިމަތިނުލެއްވޭނެ ކަމަށް އެއްބަސްވެ ވަޑައިގަންނަވަމުން ވެސް ޓްރަމްޕް ވިދާޅުވީ މި ވަގުތަކީ އޭނާގެ މަގުބޫލުކަން އެންމެ ބޮޑު ދުވަސްވަރު ކަމަށްވާތީ، ތިންވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ހުރަސް އޮތީތީވެ "އެ ކަމާ ދެރަވާ" ކަމަށެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ އޭނާގެ ނައިބު ރައީސް ޖޭ.ޑީ ވާންސް 2028 ގައި ރައީސްކަމަށް ކުރިމަތިލެއްވުމުގެ އަޑުތަކެއް އަރައިގެން އުޅޭއިރު ޖޭ.ޑީގެ ރަނިން މޭޓަކަށް ޓްރަމްޕަށް ޓިކެޓް ދެއްވަފާނެ ކަމަށް މީހުންގެ މެދުގައި ވާހަކަ ދެކެވޭތީއެވެ.
ޖޭ.ޑީ ރައީސްކަމަށް ވަޑައިގަތަސް، ގާނޫނުއަސާސީގެ 12 ވަނަ އިސްލާހުގައިވާ ގޮތުން ޖޭ.ޑީ އިސްތިއުފާ ދެއްވައިފި ނަމަ، އެމެރިކާގެ ރައީސްކަމަށް ތިން ވަނަ ފަހަރު ޓްރަމްޕަށް ވަޑައިގަނެވޭނެއެވެ.
މިއީ ދުސްތޫރީ ގޮތުން އޮތް ލޫޕްހޯލެއް ނުވަތަ "ހުސްކަމެއް"ގެ ތެރެއިން ކުރިމަތިވާނެ ކަމެއް ކަމަށް ވިޔަސް، ގާނޫނުއަސާސީގެ ރޫހަކީ ދެ ފަހަރު ރައީސްކަން ކުރެއްވި މީހަކު ތިންވަނަ ފަހަރަށް ރައީސްކަމަށް ވަޑައިނުގަތުން ކަމަށްވާތީ ޓްރަމްޕް ވެސް ތިންވަނަ ފަހަރަށް ރައީސްކަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް މީގެ ކުރިން އިޝާރަތް ކުރައްވައިފައިވެއެވެ.
"ވަރަށް ސާފުކޮށް އެބަ އެނގޭ އަހަރެންނަށް ތިންވަނަ ޓާމަކަށް ކުރިމަތިނުލެވޭނެކަން،" މި ދިޔަ ޖަނަވަރީ މަހު ދެވަނަ ފަހަރަށް ރައީސްކަމާ ހަވާލުވެ ވަޑައިގަތް ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން ވިދާޅުވީ ޓްރަމްޕްގެ ސިޔާސީ ހަޔާތް ކާމިޔާބު ކަމަށެވެ.
"ވަރަށް ރަނގަޅު ނިމުމަކާ ޓްރަމްޕްގެ ސިޔާސީ ހަޔާތް އެ ކައިރިވަނީ. އޭނާއަށް ވެސް އެނގިވަޑައިގަންނަވާނެ 22 ވަނަ އިސްލާހް،" މައިކް ވިދާޅުވިއެވެ.



advertisment