ބީ.އެމް.އެލް އިން "ދިވެހީންގެ ބޭންކް– މުޅި ރާއްޖެއަށް" ކެމްޕޭނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހުކުރައްވައިފިއެވެ. މި ކެމްޕޭނަކީ ދިވެހިންނަށް އެކި ގޮތްގޮތުން އެހީތެރިވުމުގެ މަގުސަދުގައި އުފެއްދި ދިވެހީންގެ ބޭންކުން ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ކެމްޕޭނެކެވެ.
ބީ.އެމް.އެލް އިން ވަނީ މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފަ އެވެ. "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ ނުވަ މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބުކަމާއެކު ވަނީ ނިންމާލައިފައެވެ.
ބީ.އެމް.އެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފު، އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި 1982 ވަނަ އަހަރު ބޭންކް އުފެއްދުމުގެ މަގުސަދަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ބޭންކް އުފެއްދީ ހަމަ އެކަނި ކޮމާޝަލް ބޭންކެއްގެ ދައުރު އަދާކުރުމަށް ނޫން ކަމަށާއި އޭގެ އިތުރުން ގައުމީ ތަރައްގީގައި އެހީތެރިވެވޭނެ ގޮތްތައް ހޯދައި އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް ބޭންކު އުފެއްދި މުހިންމު މަގްސަދެއްކަން ފާހަގަކުރެއްވިއެވެ. "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނާއެކު މި މަގުސަދު ހާސިލުކުރުމަށް އިތުރު މަސައްކަތްކުރުމާއި، ބޭންކް އޮފް މޯލްޑިވްސް އަކީ ހަމައެކަނި މާލީ އިދާރާއެއްގެ ބަދަލުގައި ގައުމުގެ ތަރައްގީގެ ދަތުރުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. މިގޮތުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން ޝަރީފް ވަނީ ދިވެހީންގެ ބޭންކެއްގެ ގޮތުގައި ބީއެމްއެލް އިން ހޯދައިފައިވާ ހާއްސަ މަގާމް ފާހަގަކުރައްވައިފައެވެ.
"ބޭންކް އޮފް މޯލްޑިވްސް ވަނީ ޓެކްނޮލޮޖީގެ ކުރިއެރުމުގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށް، ގައުމުގެ މާލީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދީ ޒަމާނީ އަދި އީޖާދީ ބޭންކިންގ ހައްލުތައް ތައާރަފްކޮށްފައި. މި ބޭންކު ފާހަގަކުރެވެނީ މާލީ ދާއިރާގައި ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދޭ އިދާރާގެ ގޮތުގައި އެކަންޏެއް ނޫން. މިއީ ގައުމީ ފެންވަރުގައި ހުނަރުވެރިން ބިނާކުރުމާއި، ކުރިއެރުވުމަށް އެހީތެރިވާ ބޭންކެއްވެސްމެ،" ޝަރީފު ވިދާޅުވިއެވެ.



advertisment

