ސްޓެލްކޯ އިން ކ. ތުލުސްދޫގައި ޤާއިމްކޮށްފައިވާ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑެމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީއަކީ ކޮބާ؟
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ އަކީ މުޖުތަމަޢުގައި އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޤާއިމްކޮށްފައިވާ މަރުކަޒެކެވެ.
މި މަރުކަޒުގައި ސްޓޭލްކޯގެ ތަޖުރިބާކާރުންގެ އިތުރުން ބައެއް އިލްމީ މުއައްސަސާތަކުން ވެސް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން ސްޓެލްކޯ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު މިދިޔަ އާދީއްތަ ދުވަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކެޑަމީއަކީ ހަމައެކަނި ތަމްރީނު މަރުކަޒެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޔޫޓިލިޓީ ޚިދުމަތްތަކުގެ ދެމެހެއްޓެނިވި މުސްތަޤުބަލާއި، އީޖާދީ ފަންނިއްޔާތާއި، އިންސާނީ ރައުސްމާލަށް ކުރެވޭ ވުނަކުރުމެކެވެ.

ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީއަށް އަވަސް ކަޅިއެއް
- މި މަރުކަޒު ޤާއިމްކުރެވިފައި ވަނީ ކ. ތުލުސްދޫގައި
- މަރުކަޒުގައި ކްލާސްރޫމްތަކާއި، ވަރކްޝޮޕަކާއި، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަންވެސް ހިމެނޭ
- މަރުކަޒު ޤާއިމްކުރުމަށް ޖުމްލަ ހޭދަވެފައިވަނީ 5 މިލިއަން ދިވެހި ރުފިޔާ
- މަރުކަޒު އިމާރާތްކުރުމުގެ %100 މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުން
- އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދެވޭނެ ވަޞީލަތްތައް މި މަރުކަޒުގައި ވަނީ ޤާއިމްކުރެވިފައި
- ޗައިނާގެ ޔަންޓާއި ޑޮންގފަންގ ވިޒްޑަމް އިލެކްޓްރިކް ކޯ. ލޓޑ. އިން ހަދިޔާކުރި 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަޞީލަތްތަކާއި އާލާތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް މި މަރުކަޒުގައި ވަނީ ޤާއިމްކުރެވިފައި
ތަމްރީނުދޭ ދާއިރާތައް
ފުރަތަމަ ފިޔަވަހީގައި މި މަރުކަޒުގައި މައިގަނޑު ހަ ދާއިރާއަކުން ތަމްރީނުދިނުމަށް ވަނީ ހަމަޖެހިފައެވެ. ޔޫޓިލިޓީ ސިނާޢަތަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް، ސްޓެލްކޯއިން ގެންގުޅޭ އަމާޒަށް ވާޞިލްވުމަށްޓަކައި، މަރުކަޒުގެ މަސައްކަތް ފުޅާވެ، ކުރިއަރަމުންދާ މިންވަރަކުން، މަރުކަޒުގައި ކިޔަވައިދީ، ތަމްރީނުދޭ ދާއިރާތައް އިތުރުކުރެވިގެންދާނެއެވެ.
ފުރަތަމަ ފިޔަވަހީގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:
މެކޭނިކަލް އިންޖިނިއަރިން
މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ ޖެނެރޭޓަރ ސެޓު މަރާމާތު ކުރުމާއި އޯވަރހޯލްކުރުން
އޮޓޯމޯޓިވް އިންޖިނިއަރިން
މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ އުޅަނދުތަކުގައި އާންމުކޮށް ކުރަންޖެހޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
ފެނާއި ނަރުދަމާ ނިޒާމުތައް
މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ ފެން ޕްލާންޓް އަދި ނަރުދަމާ ޕަމްޕް ސްޓޭޝަން ފަދަ މި ދާއިރާއާ ގުޅޭ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
އޮޓޯމޭޝަން އިންޖިނިއަރިން
މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ މަސައްކަތުގެ ސަމަކާރަކަން ކަށަވަރުކުރުމަށް ބޭނުންވާ/ބޭނުންކުރާ ޒަމާނީ ވަޞީލަތްތައް އުފައްދައި، އޭގެ މަރާމާތާއި މެއިންޓަނަންސް މަސައްކަތް
އިދާރީ ޚިދުމަތް
މި ތަމްރީނުގެ މައިގަނޑު ދާއިރާއަކަށް ވާނީ އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަޞީލަތް/ ނިޒާމު/ ސޮފްޓްވެއަރއަށް އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަޞީލަތް/ ނިޒާމު/ ސޮފްޓްވެއަރ ބޭނުންކުރުން

ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑެމީ: ސްޓެލްކޯގެ އަމާޒުތައް
- ކުންފުނީގެ އެސެޓް މަރާމާތުކޮށް ބެލެހެއްޓުމަށް ކުންފުނީގެ މުވައްޒަފުން ތަމްރީނުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ޚަރަދު ކުޑަކުރެވި، ޚިދުމަތަށް ބަރޯސާވެވޭ މިންވަރު އިތުރުވެގެންދިއުން
- މަސައްކަތްތަކަށް އިންތަކާއި މިންތައް ކަނޑައަޅައި، އަންނާން އޮތް ޖީލުތަކަށް ސައްޚަކަންމަތީ ފޯރާނެހެން މުއައްސަސައީ ޢިލްމު ރައްކާތެރިކުރުން
- ރަށްރަށުގެ އިންޖީނުގެތަކާއި ފެން އަދި ނަރުދަމާ ޕްލާންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ޚިދުމަތް މެދުކެނޑޭ މިންވަރު މަދުކުރުން
- ޔޫޓިލިޓީ ސިނާޢަތުގައި ޒަމާނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށާއި ސިނާޢަތް އިތުރަށް ދެނެގަތުމަށް އެކިއެކި ދިރާސާތައް ހިންގުން
- އިދާރީ އެކިއެކި މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުނީގެ އަމިއްލަ އަދި ބޭރުގެ އެކިއެކި ވަޞީލަތް/ ނިޒާމު/ ސޮފްޓްވެއަރއަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި އެންމެ އެކަށޭނަ ގޮތެއްގައި އެ ވަޞީލަތް/ ނިޒާމު/ ސޮފްޓްވެއަރ ބޭނުންކުރަން ދަސްކޮށްދިނުން
- ހަކަތަ އުފެއްދުމުގެ އައު ނިޒާމުތައް (އަވި، ވައި އަދި އެހެނިހެން އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް) ޤާއިމްކޮށް ބޭނުންކުރާނެ ގޮތް މުވައްޒަފުންނަށް ދަސްކޮށްދީ، ޒަމާނީ ތަރައްޤީއާއެކު ބައްޓަންވަމުންދާ މުސްތަޤުބަލަށް މުވައްޒަފުން ތައްޔާރުކުރުން
- މަސައްކަތުގެ މާޙައުލުގައި ރައްކާތެރިކަމަށް އިސްކަންދޭ ސަޤާފަތެއް އުފެއްދުމަށްޓަކައި، މަސައްކަތުގެ މާޙައުލާއި ގުޅޭ ޒަމާނީ ސްޓޭންޑަޑްތައް މުވައްޒަފުންނަށް ދަސްކޮށްދިނުން.
- ޒުވާނުންގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމަށް ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ގުޅިގެން މަސައްކަތްކުރުން.
- މި މަރުކަޒުގައި ތަޖުރިބާ ޙިއްސާކުރުމުގެ ތެރެއިން ޢިލްމު ފޯރުކޮށްދޭނެ އިންހައުސް ޓްރެއިނަރުންތަކެއް އުފެއްދުން.
- އީޖާދީ ފަންނިއްޔާތަށް ހިތްވަރުދިނުމުގެ ގޮތުން އައު އީޖާތުތައްކޮށް، އެތަކެތި ތަޙުލީލުކޮށް، އޭގެ މަސައްކަތްކުރާނެ މަންސައެއް ޤާއިމްކޮށްދިނުން
- ސްޓެލްކޯގެ އިތުރުން އެހެނިހެން ކުންފުނިތަކާއި މުއައްސަސާތަކަށް ވެސް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ، އަތޮޅުތެރޭގެ ޔުޓިލިޓީ ދާއިރާގެ ސަރަޙައްދީ އިލްމީ މަރުކަޒެއްގެ ގޮތުގައި މަސައްކަތްކުރުން



advertisment

