ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރައްވައިފިއެވެ.
މީހުން އުޅޭ ހުރިހާ ރަށަކަށް، އެންމެ އެއް އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މި ތާރީޚީ ކާމިޔާބު ޙާޞިލުކުރައްވައިފައި މިވަނީ ޅ. އަދި ކ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، ކ. ތުލުސްދުއަށް މިއަދު މެންދުރު ވަޑައިގަތުމާއެކުގައެވެ.

ފުޅާ ދާއިރާއެއްގައި މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ބާބެއް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކ. ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި މިވަނީ ވަޑައިގެންފައެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް ދެ ވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.
ދިވެހި ރިޔާސީ ތާރީޚުގައި، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. އޭރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މައްމޫން ޢަބްދުލްޤައްޔޫމް،ހުރިހާ ރަށަކަށް ވަޑައިގެންނެވީ ފަސް އަހަރު ދުވަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންމެ 23 މަސްދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެކެވެ.

ސީދާ މަޝްވަރާތަކުން ހަލުވި ދުވެލީގައި ފުރިހަމަ ތަރައްޤީ
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.
ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް، މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ސަބަބުން، މީގެ ކުރިން ރަށްރަށުން މާލެއަށް ދަތުރުކޮށް، އެކި ވުޒާރާތަކާ ވަކިވަކީން ބައްދަލުކުރައްވައިގެން ދިގުލާ މަޝްވަރާތަކާއި، އެކި މަރުޙަލާތަކުގައި ޖަވާބު ނުލިބިވާ ސިޓީތަކަށް ޖަވާބު ހޯއްދެވުމުގެ ބަދަލުގައި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއެކު އެއްމޭޒެއްގެދޮށުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމުގެ ފުރުޞަތު ފަހިވެ، ތަރައްޤީގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަޖެހިގެންދާކަން ފާހަގަކުރެވެއެވެ.
ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި، ސުލްޙަވެރި، އަމާން ވެއްޓެއް ކަށަވަރުކޮށްދެއްވުމަށްޓަކައި އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށް ވަކިވަކި ރަށްރަށަށް ޚާއްޞަ މަޝްރޫޢުތައް ތަޢާރަފުކޮށްދެއްވާފައިވެއެވެ. އެގޮތުން، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ލިބޭނެކަން ކަށަވަރުކޮށްދެއްވިއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެއެވެ. އަދުގެ ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތެވެ. ނަމަވެސް، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޚިދުމަތް ދެވެން ފެށީވެސް މި ދަތުރުފުޅުތަކުގެ ތެރެއިންނެވެ.
ހަމަ މިފަދައިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކޮށް އެޚިދުމަތްތައް ފޯރުކޮށްދެއްވަން ފެއްޓެވީވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

މުސްތަޤުބަލުގެ ރާއްޖެ ތަޢާރަފުވުން
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާ ގުޅުން ހުރި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ.
އެގޮތުން، އެމަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ތެރެއިން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ. ވަކީން ޚާއްޞަކޮށް، އިޖުތިމާޢީ ފުދުންތެރިކަން ކަށަވަރުކޮށްދެއްވުމަށް މުހިންމު ނިންމެވުންތަކެއް ނިންމަވައި، އުންމީދީ ޚަބަރުތަކެއްވެސް ދެއްވިއެވެ.
ދަތުރުފުޅުތަކުގެ ތެރެއިން ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، ރަށު ކައުންސިލް އިމާރާތްތަކާއި، ސްކޫލު މަދަރުސާތަކާއި، މިސްކިތްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި، އިންޖީނުގެ ފަދަ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާ ތަންތަން ހުރި ހާލަތު ބައްލަވައިލެއްވުމަށް، ޚުދު އެމަނިކުފާނު އެތަންތަނަށް ޒިޔާރަތްކުރެއްވިއެވެ. އެތަންތަނުގެ މުވައްޒަފުންނާއި، ޚިދުމަތް ހޯއްދަވާ ރައްޔިތުންނާވެސް ބައްދަލުކުރައްވާ، ޚިޔާލު ބަދަލުކުރައްވައި ހެއްދެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކަކީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިވާ އަދި މަންފާ ލިބޭ ރަށަކަށް ރާއްޖޭގެ ކޮންމެ ރަށެއް ހެއްދުމެވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ފާޅުކަންބޮޑު ރަމްޒެކެވެ.



advertisment