އެމް.ޕީ.އެލް އިން އިންތިޒާމްކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް"ގެ ދެ ވަނަ އެޑިޝަން އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުން ހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއް ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ. މި ކޮންފަރެންސް އެމް.ޕީ.އެލް އިން އެންމެ ފުރަތަމަ އިންތިޒާމްކުރީ މިދިޔަ އަހަރުއެވެ. އެ ކޮންފަރެންސަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.
މި ކޮންފަރެންސްގެ ދެ ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. މި ކޮންފަރެންސްގެ މައިގަނޑު ތީމަކީ "ސެކިއުރިޓީ، ސޭފްޓީ އެންޑް ސަސްޓޭނަބިލިޓީ" އެވެ. މި ކޮންފަރެންސްގައި ވެސް މެރިޓައިމް ދާއިރާއިން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ސްޕީކަަރުންގެ ގޮތުގައި ބައިވެރިވާނެ ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.
"އަންނަ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ކޯސްޓް ގާޑް)، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާރސް (އައި.އޭ.ޕީ.އެޗް) މިހާރު ވަނީ ހަމަޖެހިފައެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައި ބުނެއެވެ.
"މި ކޮންފަރެންސް ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލެވިފައެވެ. ސްޕޮންސަރކުރުމަށް ނުވަތަ ޕާޓްނަރއަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ldd@port.mv އަށް އީމެއިލްކުރެއްވުން ނުވަތަ 3039030/ 3039031 އަށް ގުޅުއްވުމަށް އެދެމެވެ."



advertisment

