ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު އެރަށުގައި ޢަމަލީ ގޮތުން މަސައްކަތް ފެށި، ހިތަދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ އައު އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ. އަދި އަންނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރެއްވުމަށް އަހުމިއްޔަތުކަން ދެއްވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިންސާނީ ވަސީލަތްތަކުގެ އެހީގައި ޞިއްޙީ ޚިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަގުފަހިވެގެންދާނޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، އަދި ރިޔާސީ ވަޢުދެއްކަމުގައިވާ، އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްޤީކުރެއްވުމުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމާމެދު މި ދަތުރުފުޅުގައި ގޮތެއް ނުނިންމެވުމަކީ، އެކަން ނުކުރެއްވުން ނޫންކަމުގައި ވިދާޅުވެފައެވެ. އެކަމުގައި އޮތް އެންމެ ފައިދާ ހުރި، ދެކޮޅުޖެހޭ، ފީސިބަލް ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނުގެ ރިޔާސީ ވަޢުދުތަކާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއްގެ އެކި މަރުޙަލާތައް ފައްޓަވައިދެއްވާފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައި ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗުގެ ބިންގާއަޅުއްވާފައެވެ. އަދި ހިތަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅުއްވައި، ހިތަދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ހިތަދޫ- ކުނަހަންދޫ ކޯޒްވޭ މަޝްރޫޢު އިފުތިތާޙުކުރައްވާފައެވެ. މީގެ އިތުރުން، ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތާއި، ހިތަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްހެ ހިތަދޫ ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިންމޭނޭ ކަމަށާއި، ހިތަދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



advertisment