އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ބާއްވައިފިއެވެ.
އޮކްޓޫބަރު މަހަކީ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ބައިނަލްއަގުވާމީ މަސް ކަމަށްވާތީ، މި މަހާ ގުޅުވައިގެން މި މަހު 17 ގައި ބޭއްވި މި ހަރަކާތުގައި ކުރެއްދޫ ރިސޯޓް އަންހެން މުވައްޒަފުންނަށް އުރަމަތީ ކެންސަރުގެ ފުރަތަމަ ޢަލާމާތްތަކާއި، އެ ބަލި އަމިއްލައަށް ތަހުލީލުކޮށް ދެނެގަންނާނެ ގޮތާއި، އެޅޭނެ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރި ކަމަށް ޓްރީ ޓޮޕުން ބުނެއެވެ. ޑރ. އައިޝަތު ރިފްގާ ޝާހިދާއި ޑރ. އައިޝަތު މާރިޔާ ނަގައިދިން މި ސެޝަންގައި 30 މުވައްޒަފުން ބައިވެރިވިއެވެ.
"މި ސެޝަންތަކުގެ ސަބަބުން މުވައްޒަފުންނަށް މުހިންމު ޞިއްޙީ މަޢުލޫމާތު އެމީހުންގެ މަސައްކަތުގެ މާހައުލުގައި ލިބިގަތުމުގެ ފުރުޞަތު ހުޅުވިގެންދިޔައެވެ." ޓްރީ ޓޮޕުން ބުނެއެވެ.
"މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ޞިއްޙަތު ކުރިއެރުވުމަށާއި ދުޅަހެޔޮ ޞިއްޙަތެއްގައި ދިވެހި މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ޙަރަކާތެކެވެ. މި ޙަރަކާތަކީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ."
ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާ އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.



advertisment