Support Us

އަންނަ އަހަރުގެ ބަޖެޓުން 500 މިލިޔަން ޞިއްޙީ ދާއިރާއަށް، 500 މިލިޔަން ތަޢުލީމީ ދާއިރާއަށް: ރައީސުލްޖުމްހޫރިއްޔާ

އަންނަ އަހަރުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތަޢުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ތަރުތީބަށް އިޝާރާތްކުރައްވައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ވެގެންދާނީ، ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށްކަމުގައި ވިދާޅުވެފައެވެ. އަދި މި ދެ ދާއިރާގެ ތަރައްޤީ ކަށަވަރުކުރެއްވުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަވާނޭ އައު މަޝްރޫޢުތަކެއް ބަޖެޓުގައި ހިމަނުއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ތަޢުލީމީ ދާއިރާގައި ޚާއްޞަ ސަމާލުކަމެއް ދެއްވާނޭ ދެ ކަމެއް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ޤާއިމުކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއާށް އަލިއަޅުއްވާލައްވަމުން، ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކިވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *