Support Us

ޝަހީދު ކޯޕްރަލް ޙުސައިން އާދަމާ އެކު ސިފައިންގެއަށް ވަތް 8 ޒުވާނުންގެ ވާހަކަ

ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ހދ. ކުޅުދުއްފުށީ އަމީރުއަމީން ސްކޫލުން ކިޔަވަމުންދިޔަ ދަރިވަރެކެވެ. ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި އުޅެމުން ދިޔަ ހަރަކާތްތެރި މުރާލި ދަރިވަރެކެވެ. އޭރު އެ ސްކޫލުގެ މުދައްރިސް އާދަމް އިސްމާޢީލްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ކެޑޭޓާއި ކަސްރަތާއި ޖިމްނާސްޓިކްގެ ހަރަކާތްތަކުގައި ޙުސައިން އާދަމް ބައިވެރިވެއުޅުނެވެ. އެހެން އުޅެނިކޮށް 1980 ވަނަ އަަހަރު ހދ. ކުމުންދޫއަށް ދިއުމަށް އަމީރު އަމީން ސްކޫލުގެ ދަރިވަރުންނަށް ދައުވަތު ލިބުނެވެ.

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގެ ދަރިވަރުންނަށް ދައުވަތު ދެއްވީ ސިފައިންގެ ކޮމާންޑަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައިވާ ކޮމާންޑަރ ޢައްބާސް ޢަލީ (ސައްޔިދު ޢައްބާސް) އެވެ. ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވުމަށްފަހު ކޮމާންޑަރ ސައްޔިދު ޢައްބާސް ދިރިއުޅުއްވަމުން ގެންދެވީ ކުމުންދޫގައެވެ. ކުމުންދޫ ސްކޫލުގެ އިނގިރޭސި ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކޮށްދެއްވި ދުވަސްވަރު އަމީރު އަމީން ސްކޫލުގެ ދަރިވަރުންނަށް އާދަމް އިސްމާޢީލްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާ ހަރަކާތްތަކުގެ މަޢުލޫމާތު ލިބިވަޑައިގެން އެކަމަށް ހިތްވަރު ދެއްވަން ބޭނުންފުޅުވީއެވެ. އަދި އެކަމުގައި ވެދެވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވަން ޝައުޤުވެރިވެވަޑައިގަތީއެވެ.

ކުޅުދުއްފުށިން އެ ދަތުރުގައި 50 ފިރިހެން ދަރިވަރުންނާއި 50 އަންހެން ދަރިވަރުން ކުމުންދޫއަށް ޒިޔާރަތްކުރިއެވެ. އެ ދަތުރު ކޮމާންޑަރ ސައްޔިދު ޢައްބާސް ދިމާކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރުގެ ނާއިބު އިލްޔާސް އިބްރާހީމް ކުމުންދޫއަށް ކުރެއްވި ދަތުރުފުޅަކާއެވެ. ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގެ ދަރިވަރުންގެ ސިފަވަންތަ، ހުޝިޔާރު، ހުނަވެރި ހަރަކާތްތައް އިލްޔާސް ބައްލަވާލެއްވިއެވެ. އެ ދަރިވަރުންގެ ހަރަކާތްތަކާމެދު އިލްޔާސް ވަރަށް ބޮޑަށް ހިތްޕުޅާވިއެވެ. އެ ދަތުރުފުޅުން އެނބުރި މާލެ ވަޑައިގެންނެވުމަށްފަހު އަމީރު އަމީން ސްކޫލުގެ ދަރިވަރުންނާއި ސްކޫލު ނިންމާފައި ތިބި ކުދީންގެ ތެރެއިން ފަސް ފޫޓު ހަތަރު އިންޗި ހަމަވާ، 10 ކުދީން ސިފައިންގެ ޚިދުމަތަށް ވެއްދުމަށް މާލެ ފޮނުވުމަށް އެންގެވިއެވެ.

އާދަމް އިސްމާޢީލަށް ކުރައްވަން ޖެހިވަޑައިގަތީ ފަސޭހަ މަސައްކަތެއް ނޫނެވެ. އިސްކޮޅާއި ރޫފަ ރަނގަޅު، ސިފަވަންތަ އަޚްލާޤާއި ސުކޫލު ރަނގަޅު އަދި އެ ކުދީންގެ މައްޗަށް އޭނާއަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް 10 ކުދީން އޭނާ ހޮއްވެވިއެވެ. އޭގެ ތެރޭގައި އުމުރާއި އިސްކޮޅާއި ރޫފައަށް ބަލާއިރު އެންމެ ކުޑަކޮށް ހުރީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. އެކަމަކު އާދަމް އިސްމާޢީލަށް އެންމެ އިތުބާރު އޮތް އެއް ދަރިވަރަކީ އެއީއެވެ. އާދަމް އިސްމާޢީލް ނެންގެވި 10 ކުދީންގެ ތެރެއިން ސިފައިންގެ ޚިދުމަތަށް އެބުރުގައި ވަދެވުނީ އަށް ޒުވާނުންނަށެވެ.

އެ 8 ޒުވާނުންނަކީ:

1. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް

2. ޕްރައިވެޓް ޢަބްދުއްރަޙްމާން އިސްމާޢީލް

3. ޕްރައިވެޓް އަޙްމަދު އިބްރާހީމް (ވަކިވިއިރު ހުންނެވި ރޭންކު އަދި ނޭނގެ)

4. ފަސްޓް ސާޖަންޓް ޢަބްދުއްރައްޒާޤު އާދަމް

5. ކޯޕްރަލް މުޙައްމަދު ޢަލީ

6. ޕްރައިވެޓް މޫސާ ޙުސައިން

7. ޕްރައިވެޓް އަބޫބަކުރު ޙުސައިން (ވަކިވިއިރު ހުންނެވި ރޭންކު އަދި ނޭނގެ)

8. ފަސްޓް ސާޖަންޓް ޢަބްދުއްރަޝީދު

މިއިން ކޮންމެ ކުއްޖަކު ވެސް ސިފައިންގެ ޚިދުމަތާ ގުޅުމަށްފަހު ވެގެން ދިޔައީ ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި އަމުރަށް ކިޔަމަންތެރި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު ސިފައިންގެ ބޭކަލަކަށެވެ. އެކި ބޭކަލުން މަސައްކަތް ކުރެއްވީ ސިފައިންގެ އެކި ދާއިރާތަކުގައެވެ. ނޮވެންބަރު 3، 1988 ގައި ދުޝްމަނުން ސިފައިންގެއަށް ހަމަލާދެމުން ދަނިކޮށް ރެކީ ޕެޓްރޯލަށް ބޭރަށް ނިކުތުމަށް ހަމަޖެހުނު 11 ބޭކަލުންގެ ތެރޭގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއެކު ސިފައިންގެ ޚިދުމަތަށް ވެންނެވި ކޯޕްރަލް މުޙައްމަދު ޢަލީ ހިމެނިލެއްވިއެވެ. ސިފައިންގެ ކޮމާންޑަރުން އަންގަވައިގެން ބޭރަށް (މަގުމައްޗަށް) ނުނިކުންނެވުނަސް އެދުވަހު އޭނާ ވެސް ދައްކައިދެއްވީ ހިތްވަރުގަދަކަމުގެ ލާމަސީލު މިސާލެކެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވެގެން ވެއްޓިފައިއޮންނެވި ސެނގަރުން އޭނާގެ ހަށިގަނޑު ނެގުމުގައި ވެސް މުޙައްމަދު ޢަލީ ބައިވެރިވެލެއްވިއެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއެކު ސިފައިންގެ ޚިދުމަތަށް ވެންނެވި ޒުވާނުންގެ ތެރެއިން ދެ ބޭކަލަކު މިހާރުވެސް ސިފައިންގެ ޚިދުމަތުގައި އެބަ ތިއްބެވިއެވެ. އެއީ ފަސްޓް ސާޖަންޓް ޢަބްދުއްރައްޒާޤް އާދަމާއި ފަސްޓް ސާޖަންޓް ޢަބްދުއްރަޝީދެވެ.

ފޮޓޯގައި ކަނާތުން ވާތަށް (ކޮޅަށް): ޙުސައިން އާދަމް، ޢަބްދުއްރަޙްމާން އިސްމާޢީލް، އަޙްމަދު އިބްރާހީމް، ޢަބްދުއްރައްޒާޤު އާދަމް، މުޙައްމަދު ޢަލީ، މޫސާ ޙުސައިން.

(އިށީނދެގެން): އަބޫބަކުރު ޙުސައިން، ޢަބްދުއްރަޝީދު.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *