Support Us

ހުއްޓުމަކަށް އައިސްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢު އަލުން ފަށަނީ

ށ. ފީވައް ހިމަނޭގޮތަށް، އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢުތައް އަލުން ފެށުމުގެ އިންތިޒާމުތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ބޭރުގެ ފަންޑެއްގެ ދަށުން، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގޮތަށް ފަށާފައި ހުރި ކުނި މެނޭޖްކުރާ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް އަލުން ފެއްޓޭނޭ ގޮތްތަކެއް ހޯއްދެވުމަށް ކަމާބެހޭ ވުޒާރާއިން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު މިކަމުގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުއްވައި، އެ އިންތިޒާމުތައް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފީވަކުގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދު ބޭނުންކުރުމުގައި ހުރި ދަތިތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެމް.ޓީ.ސީ.ސީގެ ފަރާތުން އެ ރަށުގައި ސްކޫލް މަޝްރޫ ޢާއި، މޫދަށް އެރޭ ސަރަހައްދުގެ މަޝްރޫއު ކުރިއަށްގެންދާއިރު، ގޯތި ދޫކޮށްފައިވާ ޗަސްބިމަށް ފަސް އަޅައި، ބޭނުންކުރެވޭނޭ މަގުފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިދިޔަ އަހަރުގެ ފެބުރުވަރީ މަހު، ރައީސުލްޖުމްހޫރިއްޔާ، ފީވަކު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެދިވަޑައިގަތް ގިނަ ކަންތައްތަކެއްގެ ޢަމަލީ މަސައްކަތްވެސް މިއަދު ވަނީ އެ ރަށުގައި ފައްޓަވާފައެވެ. އެގޮތުން، އެ ރަށުގެ ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ފީވަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވައިދެއްވާފައެވެ. އަދި، ރަށު ކައުންސިލުން އެދިވަޑައިގެންނެވި ފަދައިން މިއަދު ވަނީ، ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *