Support Us

ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭ ގޮތަށް، ކަންބޮޑުވުމެއް ނެތް: ރައީސުލްޖުމްހޫރިއްޔާ

ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަތުމުގައި އެއްވެސް ކަންބޮޑުވުމެއް ސަރުކާރަށް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބިލެތްފައްސަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށް އެބައޮތް ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަދުގެ ސަރުކާރުން ގެންދަވަނީ، އިޤްތިޞާދީ ކަންކަން ރަނގަޅުކުރައްވަމުން، އެތެރެއާއި ބޭރުގެ ދަރަނި ޚަލާސްކުރައްވަމުން، އެކުވެރި ދަޢުލަތްތަކާ މަޝްވަރާކުރައްވައިގެން ބައެއް ދަރަނިތަކަށް ލުއި ގޮތްތައް ހޯއްދަވައި، އެ ލުއިފަސޭހަކަންވެސް ރައްޔިތުންނަށް ހޯއްދަވައިދެއްވަމުން ކަމުގައެވެ.

ރޭވުންތެރިކަމާއެކު ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބު ވަމުން ދާކަމަށާ، އެގޮތުން އަންނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ޚަލާސްކުރެއްވުމުގައިވެސް ކަންބޮޑުވުމެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ހުރިހާ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށް ފުރިހަމަ ތަރައްޤީ ހާސިލުކޮށްދެއްވުމަށް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މާލީ ރިޒާވްގެ ޓްރެޖެކްޓަރީވެސް ހުރީ ރަނގަޅު މިޞްރާބަކަށް ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ކުރުވި މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާ ޚަލާސްކުރެއްވުމަށް ކަނޑައެޅުއްވި މުއްދަތުގެ ތެރޭގައި އެކަންވެސް ފުރިހަމަ ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ހަމަ މިއާއެކު، ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ޤަބޫލުފުޅުނުކުރައްވާ ކަމަށާއި، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ފުރިހަމަގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ. މި އުސޫލުން ގިނަ ބަދަލުތަކެއް ގެންނަވާ ކަމަށާއި، އެ ހުރިހާ ބަދަލަކީވެސް ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެވޭ ބަދަލުތަކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *