Support Us

ބިލެތްފަހި އެއާޕޯޓް ގިނަވެގެން 30 މަހުން ހުޅުވައިދޭނަން: ރައީސުލްޖުމްހޫރިއްޔާ

ށ. ބިލެތްފަހީގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއާޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވާފައި މި ވަނީ، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފައްސަށްވަޑައިގެން އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ބިލެތްފަހީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި އެމް.އޭ.ސީ.އެލް އާއެކު ސޮއިކުރައްވައި، ޢަމަލީ ގޮތުން މަސައްކަތް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ބިލެތްފައްސަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށާއި ސަރަޙައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް، ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ފެންނާނެ ކަމަށާއި، މަޑުޖެހުމެއް ނެތި، މަސައްކަތް ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އެއާޕޯޓް މަޝްރޫޢުގެ އިތުރުންވެސް ބިލެތްފަހީގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އުންމީދީ ޚަބަރުތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

ރަށުގެ ތަރައްޤީއަށް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވަމުން، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢެވެ. މިމަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ކުރިއަށް ނުގޮސް، ހުއްޓިފައި އޮތް ކުނި މެނޭޖު ކުރުމުގެ މަޝްރޫޢަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހަމަ މިއާއެކު ބަނދަރުގެ މަޝްރޫޢަކީ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަމުގެ ހައްސާސް ކަމަށް ބައްލަވައި، ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މަޝްވަރާއެކުގައި ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން ތަރައްޤީކުރަން ކަނޑައެޅި ހަތަރު ކުލާސްރޫމަށް ޢަދަދު އިތުރުކުރައްވައި، އަށް ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ޞިއްޙީ މަރުކަޒުގައި، 16 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. މުވައްޒަފުންނާއި ވަސީލަތުގެ ގޮތުން ޞިއްޙީ މަރުކަޒަށް މިހާރުން މިހާރަށް ބޭނުންވާ އެހީ ފޯރުކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ބިލެތްފަހީގައި ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒަމާނީ ފެންވަރަށް ފުޓުބޯޅަދަނޑު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *