މައިމީހާގެ ފަރާތުން ދަރިފުޅަށް، އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވުމާ ގުޅިގެން އެކަން ފާހަގަކުރައްވައި، މި ތާރީޚީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އެހީތެރިވެވަޑައިގެންނެވި ޞިއްޙީ ޚިދުމަތްތެރިންނާއި ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ މި ތާރީޚީ ކާމިޔާބު ހޯދި ފުރަތަމަ ޤައުމުކަމުގައި ބަޔާންކުރައްވައި، ޑަބްލިއު.އެޗް.އޯ އިން ހިއްސާކުރެއްވި ޕޯސްޓެއް، އެމަނިކުފާނުގެ 'އެކްސް' އެކައުންޓުގައި ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ދިވެހިރާއްޖެއިން މި ހޯދި ތާރީޚީ ކާމިޔާބަކީ ޑަބްލިއު.އެޗް.އޯއިން ބަލައިގެންފައިވާ ކާމީޔާބެއްކަން ފާހަގަކުރައްވާފައިވެއެވެ. މިއީ އާންމު ޞިއްޙަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ހެލްތުކެއަރއަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްވެސްމެއެވެ.
ހަމަ މިއާއެކު، މިއީ ސަރުކާރާއި، ޞިއްޙީ ދާއިރާގެ ޕްރައިވެޓް ޚިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަޤުވާމީ ބައިވެރިން ގުޅިގެން ހިންގުނު ސްކްރީން ކުރުމުގެ ހަރަކާތްތަކާއި، ފަންނީ އެހީ ފަދަ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާކަން އަންގައިދޭ ކަމެއްކަން ޑަބްލިއު.އެޗް.އޯއިން ވަނީ ފާހަގަކުރައްވާފައެވެ.




advertisment