Support Us

އެ ރަށެއްގެ ނިސްބަތުން ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، އަންނަ އަހަރު ނިމޭއިރު ނޯންނާނެ: ރައީސުލްޖުމްހޫރިއްޔާ

ޞިއްޙަތާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެ ރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، އަންނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހީރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ތަކުރާރުކޮށް ދެއްވާފައި ވަނީ ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ނޫމަރާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ޞިއްޙީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވައިގެން ތަރައްޤީކުރައްވާ އެއްދާއިރާކަން ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ޞިއްޙީ ދާއިރާއަށް އިސްކަންދެއްވައިގެން، މިހާރުވެސް ކުރިއެރުންތައް ހޯއްދަވައިދެއްވަމުން ގެންދަވާކަމުގައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، ދެ އަހަރު ދުވަހުގެ ތެރޭގައި ޞިއްޙީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް ނޫމަރާގައިވެސް ލެބޯޓްރީ ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެ އިތުރުންވެސް، ރަށުގެ ތަރައްޤީއަށް އެކި ދާއިރާތަކުން ބޭނުންވާ މުހިންމު މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫމަރާގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމަށް ރިޢާޔަތްކުރައްވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދޯނިއެހެލާނެ ސަރަޙައްދަކާއި، މޫދަށް އެރޭނެ ސަރަޙައްދެއްވެސް ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ނޫމަރާގައި ކުރިއަށް ގެންގޮސްދެއްވާނެ ބައެއް މަޝްރޫޢުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން، ކުޅިވަރުގެ ދާއިރާއިން ޒަމާނީ ފުޓުބޯޅަދަނޑަކާއި، ވޮލީކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަންދެއްވިއެވެ. އަދި ތަޢުލީމީ ދާއިރާއިން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މީގެ އިތުރުން ނޫމަރާގެ އިންޖީނުގޭގެ މަސައްކަތް ނިންމައި، ރީލޮކޭޓް ކުރުމުގެ މަސައްކަތްތައްވެސް އަންނަ ރަމަޟާން މަހުގެ ކުރިއަށް ނިންމަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތް ނިންމުމަށް ފެނަކައަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ހަމަ މިއާއެކު ރައްޔިތުންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އާރް.ޓީ.އެލް ރޫޓު ދިގުވުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު، ރަސްމީ ހައިސިއްޔަތުން ނޫމަރާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބުރުއަރީގައި، ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ނޫމަރާ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. ޒުވާނުންނަށް ޚާއްޞަ ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމާއި، ފުލުހުންގެ ޚިދުމަތް ދޭތަނެއް ޤާއިމުކުރަން ބޭނުންވާކަމުގައި އެ ބައްދަލުވުމުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއިރު، އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިފަދަ ގިނަ މަޝްރޫޢުތަކަކަށް ވަނީ ޢަމަލީ ސިފަ ގެނެސްދެއްވާފައެވެ.

ނޫމަރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތާއި، ޕޮލިސް ސްޓޭޝަން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، އައު މިސްކިތް ބިނާކުރުމުގެ މަޝްރޫޢު ފެއްޓެވީވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެންނެވެ. ހަމަމިއާއެކު، އެމަނިކުފާނު ވަނީ ނޫމަރާ ކައުންސިލް އިދާރާގެ އައު އިމާރާތްވެސް ހުޅުއްވައިދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *