ސޯޝަލް ހައުސިން ސްކީމުގެ ދަށުން ދިރިއުޅުމަށް ހުޅުމާލޭން ދޫކޮށްފައިވާ ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ނަމަ، ފިޔަވަޅު އަޅާނެކަން އެޗް.ޑީ.ސީން އަންގައިފިއެވެ.
އެޗް.ޑީ.ސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ، އެ ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި އެ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.
"އެހެންކަމުން، ސޯޝަލް ހައުސިން ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ މި ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި އެއްބަސްވުމާ ހިލާފަށް، އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެ ފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަން އަންގައި އިއުލާނުކުރަމެވެ." އެޗް.ޑީ.ސީގެ އިއުލާނުގައި ވެއެވެ.
ދިރިއުޅުމަށް ހުޅުމާލޭން ދޫކޮށްފައިވާ ގިނަ ފްލެޓްތަކެއް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށް، ގިނަ ބަޔަކު އަންނަނީ އޭގެން ނަފާ ހޯދަމުންނެވެ. ފެށުނީއްސުރެ އެކަން ދަނީ އެގޮތަށް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.
އިހަކަށް ދުވަހު ދޫކުރަން ފެށި ހަތަރު ހާސް ފްލެޓާ ބައެއް މީހުން ހަވާލުވިތާ ހަފުތާއެއް ނުވަނީސް، އެ ތަންތަން ކުއްޔަށް ދޭން މިހާރު ވަނީ އިޝްތިހާރު ކުރަން ފަށައިފައެވެ.



advertisment