ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަން ދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށާއި ބާރު އެޅުމުގެ އިތުރުން އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ޚާއްސަ އިސްކަންދެއްވުމަށް ނިންމެވީ މި ޤައުމުގެ ދަރިން ތަރުބިއްޔަތުކޮށް، ބައްޓަންކުރުމުގެ ބޭނުމުގައި ކަމުގައި ވިދާޅުވިއެވެ. އަދި މި މުބާރާތަކީ ރާއްޖޭގެ އެންމެހާ ކިޔަވާ ކުދިން ކުރިއަށްއޮތް ދުވަސްތަކުގައި ވަރަށް ގަދައަޅާ، ފޯރީގައި، ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ގިނަ ފަރާތްތަކެއް ބައިވެރިވުމާއެކު ވަނަތައް ހޯދުމަށް މަސައްކަތް ކުރާނެ މުބާރާތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ދަރީންނަކީ ކީރިތި ޤުރުއާން ކިޔެވުމަކީ ފަޚުރެއްގެ ގޮތުގައި ދެކި ކީރިތި ޤުރުއާން ކިޔަވަން ބޭނުންވާ ކުދިންނަށް ވުމަށް އެދޭކަމުގައި ވިދާޅުވިއެވެ. އަދި މިއާއެކު އާންމު ރައްޔިތުންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު މި މަގުސަދު ހާސިލު ކުރުމަށް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
ކީރިތި ޤުރްއާން ކިޔެވުމަށާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި ކީރިތި ޤުރްއާނުގެ ޢިލްމު ދިވެހި އިސްލާމީ އުންމަތުގައި ފެތުރުއްވުމަށާއި ޤުރުއާނަށް ޚިދުމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަމާއެކު، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ވަރަށް މުހިންމު ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. އެގޮތުން މިއަހަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ، މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމުތަކެއް ދެއްވުމަށާއި، މުބާރާތުގެ އެހެން ވަނަތަކަށް ދޭ އިނާމުވެސް އިތުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު ނިންމެވި ނިންމެވުމާ އެއްގޮތަށް މިއަދު މިވަނީ މި މުބާރާތަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ، ރާއްޖޭގައި ބާއްވާ އެންމެ ފަޚުރުވެރި މުބާރާތަށް ހައްދަވާފައެވެ.
ސެޕްޓެންބަރު 18ވަނަ ދުވަހުރޭ ރަސްމީކޮށް އިފުތިތާޙުކުރި ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ބޭއްވީ ސެޕްޓެންބަރު މަހު 19އިން ފެށިގެން 26 ވަނަ ދުވަހުގެރޭގެ ނިޔަލަށް، ސަލްމާނު ރަސްގެފާނު މިސްކިތުގައި، އެއްފަހަރާ ދެ ގޮފީގެ ކިޔެވުމަށް އިންސާފުކުރެވޭ އުސޫލޫންނެވެ. އަތޮޅު ކައުންސިލްތަކާއި ސިޓީ، ސްކޫލުތަކުގެ އިތުރަށް، ކްލަބު ޖަމްޢިއްޔާތަކާއި، ޤުރްއާން ކުލާސްތަކާއި ކޮލެޖް/ޔުނިވަރސިޓީތަކުގެ ގޮތުގައި 119 މުއައްސަސާއަކުން ޖުމުލަ 1023 ބައިވެރިން މުބާރާތުގައި ކިޔަވައިފައިވެއެވެ.



advertisment