ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑް އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ.
ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް 2019 ވަނަ އަހަރު އުފައްދަވާފައި ވަނީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަޤްޞަދުގައެވެ.
މި ކުންފުނީގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްގެ ނަމަށް ބަދަލުކުރައްވަން ނިންމެވީ، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028– ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ ޓެކްނޯލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ދިވެހިރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކުރައްވާފައިވާ މެންޑޭޓް ތަންފީޒުކޮށް، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0″ ގެ ތަޞައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޖީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.



advertisment