Support Us

ފަޅުތަކުން މަންފާ ހޯދުމަށް އޮމަދޫ ރައްޔިތުން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނަން: ރައީސް

އދ. އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި އަރިއަތޮޅު ދެކުނުބުރީ ކުޑަދޫފަޅާއި، އަރިއަތޮޅު ދެކުނުބުރީ ކޯޑު ނަންބަރު RF1329 ފަޅާއި، އަރިއަތޮޅު ދެކުނުބުރީ ކޯޑު ނަންބަރު RF1330 ފަޅުން މަންފާ ހޯދުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތީން އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި އެ ފަޅުތައް، އޮމަދޫ ކައުންސިލާ ރަސްމީކޮށް ހަވާލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށު ފަތުރުވެރިކަމާއި، އެނޫން އިޤްތިޞާދީ މަސައްކަތްތަކަށް އެ ފަޅުތައް ބޭނުންކުރުމަށް ބޭނުންވާ އެހީތެރިކަން، ސަރުކާރުން ފޯރުކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރަށު ފަތުރުވެރިކަން ކުރިއެވުމަށް ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނިގެން، އަންނަ އަހަރުގެ ކުރީކޮޅު އޮމަދޫގައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރައްވާނޭކަން ވެސް އެ މަނިކުފާނު މިއަދު އިޢުލާންކުރެއްވިއެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު، ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމް ޚިދުމަތް ފޯރުކޮށްދެއްވުމަށް އިފްތިތާޙުކުރެއްވި މަޝްރޫޢުގެ ދަށުން، ފުރަތަމަ އެ ޚިދުމަތް ޤާއިމުކުރެއްވީވެސް އޮމަދޫގައެވެ.

އޮމަދޫގައި މެދުކެނޑުމަކަށް އައިސްފައިވާ ފެނުގެ ވިއުގައިގެ މަސައްކަތް އަލުން ފެށުމަށް، އެ މަސައްކަތާ ހަވާލުވެފައިވާ ކުންފުންޏަށް ބާރުއަޅައި، މަޝްރޫޢު ފުރިހަމަކުރުމަށް ކުރަން ހުރި ކަންކަން، ސަރުކާރުން ގާތުން ބައްލަވަމުން ގެންދަވާނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވަނީ، އޮމަދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން އެ ރަށުގައި ވަނީ، ވޮލީކޯޓު ތަރައްޤީކުރުމާއި، ފުލުހުންގެ މަރުކަޒާއި، ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ. މީގެއިތުރުން އޮމަދޫ ކައުންސިލް އިދާރާ އާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *