އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި އދ. މާމިގިއްޔަކީ ލާމަސީލު ކާމީޔާބީއެއް ހޯދައިފައިވާ، އަދި އެރޮނގުން ކުރިއަށްދިއުމުގެ ޝަޢުޤުވެރިކަން އޮތް ރަށަކަށްވާއިރު، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ރަށުގައި ތަރައްޤީކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާމިގިއްޔަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ އިތުރު މަޝްރޫޢެއްގެ ގޮތުގައި ރަށުގެ ސްކޫލު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފާހަގަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެ މަސައްކަތްތައް ނިމޭނެ ކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖެ އުފެދިފައި އޮތް ގޮތަށް ބަލާއިރު ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން، ދެމެހެއްޓެނިވި ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން މާމިގިލީގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ، އަދި އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ބައެއް މަޝްރޫޢުތަކުގެ މަޢުލޫމާތު، އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، މާމިގިލީގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ރަށުގައި ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، މި މަޝްރޫޢުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ދާދި އަވަހަށް ފަށައި، ނިންމާލެވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ މިއާއެކު، މާމިގިއްޔަކީ ތަރައްޤީގެ ނާރެހެއްކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައި.ޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް، ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމުތައް، މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ހަމަޖެހިގެންދާނެކަމުގެ ޚަބަރުވެސް ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ކުނި މެނޭޖުކުރުމުގެ ކަންކަން ވެމްކޯއާއި ހަވާލުކުރައްވާފައި ވާކަމަށާ، މިއަހަރުގެ ތެރޭގައި އެކަންވެސް ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މާމިގިލީގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރެވި، ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ފަހިކުރެވިގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކޮށް ދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށް އޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ގެދޮރުވެރިކަމުގެ މަޝްރޫޢުވެސް ކުރިއަށް އޮތް ތަނުގައި މާމިގިލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



advertisment