ދިވެހިބަހުގެ އެކެޑެމީ ހިންގަމުން އަންނަ އިމާރާތުގެ އާބާތުރަ ފިލުވައި ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އަންނަ ޑިސެމްބަރު ފުރަތަމަ ދުވަހަށް ނިންމަން ހަމަޖެހިފައިވާ މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަަދު މުޢިއްޒު މި އަހަރު މޭގައި ދިވެހި ބަހުގެ އެކަޑެމީއަށް ކުރެއްވި ޒިޔާރަތުގައި އެކަޑެމީގެ މުވައްޒަފުންނާ ބައްދަަލުކުރައްވައި، އޮފީސް އިމާރާތުގައި ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ޒަމާނީ ފެންވަރަށް އެކަޑަމީ މި އަހަރުތެރޭ މަރާމާތުކޮށްދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ފެށި މަސައްކަތެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެއެވެ.
"އެކަޑެމީގެ އިމާރާތުން ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި ބައެއް ދިމަދިމާއަށް ވާރޭ ހިޔާނުވުމާއި ބިތްތަކުން ބައެއް ކަހަލަ ކެމިކަލް ފާއްދަމުން ދިޔުމާއި، އަދި ކަރަންޓު ފުރިހަމައަށް ނުލިބުމާއި ބައެއް ދިމަދިމާއިން ފަންގިފިލާ ވެށްޓިފައިވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރަށް ކަރަންޓު ޝޯޓުވުމުގެ ސަބަބުން ބައެއް ކަހަލަ ނުތަނަވަސް ހާލަތްތައް ކުރިމަތިވެފައިވެއެވެ." ގައުމިއްޔަތު ވުޒާރާއިން ބުނެއެވެ.

"ދިވެހިބަހުގެ އެކަޑަމީއަކީ ދިވެހި ގައުމިއްޔަތާއި ސަގާފަތް ދިރުވައި، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތްތައް ކުރުމަށްޓަކައި 8 އޯގަސްޓު 2011ގައި އުފެއްދެވި މުއައްސަސާއެކެވެ. ނަމަވެސް، ދިވެހިރާއްޖޭގައި އުފެދުނު ބައެއް ސަރުކާރުތަކުން މި މަރުކަޒަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާތީ، އެމަރުކަޒު ހިންގަމުންދާ އިމާރާތްވަނީ މުވައްޒަަފުންގެ ޞިއްޙީ ރައްކާތެރިކަމަށް ހުރަސް އެޅޭ ހިސާބަށް ވީރާނާވެފައެވެ. މި ސަބަބުތަކާ ހުރެ، މި އިމާރާތަކީ އިންސާނުންނަށް މަސައްކަތްކުރަން އެކަށީގެންނުވާ ވަރުގެ މާޙައުލަކަށް ބަދަލުވެ، އެކަޑަމީގެ މަސައްކަތްތަކަށްވަނީ ވަރަށް ބޮޑަށް ބުރޫއުއަރާފައެވެ."



advertisment