ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް އަށާއި ޗައިނާގެ ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ދެ ބޭފުޅުންނަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
ޝީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ޤައުމު ހިއްސާކުރާ ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމާއި، އިސްތިޤުލާލީ ހަމަހަމަކަމާއި، ސަރަޙައްދީ އިތުބާރު ދެމެހެއްޓުމާއި، ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރައްވާފައެވެ. އަދި، އެމަނިކުފާނު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި ފަހުމުނާމާތަކުގެ ސަބަބުން، ދެޤައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ފުރިހަމަވެ، ވަރުގަދަވެގެން ހިނގައްޖެކަން ފާހަގަކުރައްވައި، އަދި މީގެ ސަބަބުން، މުސްތަޤުބަލުގައި ދޭދޭ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޮޑުވަޒީރު ލީ އަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ޗައިނާގެ ޤައުމީ ދުވަހަކީ، އެޤައުމުގެ ޒަމާންވީ ތަރައްޤީގެ ދަތުރު ރަމްޒުކޮށްދޭ މުހިންމު ދުވަހެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައިވަނީ، ދެ ބޭފުޅުންނަށްވެސް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، ޗައިނާގެ ރައްޔިތުންނަށް ޞުލްޙަ މަސަލަސްކަމާއި ފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.
އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ވަނީ، ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.



advertisment