Support Us

ހަމަހަމަކަމާ މެދު އަޑުއުފުލުމުގައި ޗައިނާ އަކީ ރާއްޖޭގެ ސާބިތު ބައިވެރިއެއް: ރައީސުލްޖުމްހޫރިއްޔާ 

ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ ވެފައިވަނީ، ދިވެހިރާއްޖެ އާއި މި ނޫންވެސް ކުދި ޖަޒީރާ ޤައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާގެ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގިނަ ޤައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުން ނުވަތަ މަލްޓިލޭޓަރަލިޒަމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރާއި، ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޗައިނާގެ ތާރީޚު ސިފަކުރައްވާފައި ވަނީ ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ޤާބިލުކަމުގެ މިންނެތް ރޫޙުގެ ރިވާޔަތެއްގެ ގޮތުގައެވެ. ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކީ ހަމައެކަނި ދެ ޤައުމުން ވެފައިވާ އެއްބަސްވުންތައް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ޤައުމުން ހިއްސާކުރާ ތަޖުރިބާތަކާއި، އެކުގައި ކުރާ ދަތުރުތަކާއި، ދެ ޤައުމުގެ ދެމެދު ޤާއިމުވެފައިވާ އިޚުލާޞްތެރި ރަޙުމަތްތެރިކަމުގެ ސަބަބުން އުފެދިފައިވާ އިތުބާރަކީވެސް، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގައި، އެއް މުޖުތަމަޢު އަނެއް މުޖުތަމަޢާ ގުޅުވައިދޭ ފާލަންތަކާއި، ދިވެހި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ޒުވާން ދިވެހި ދަރިވަރުން މުސްތަޤުބަލަށް ތައްޔާރުވާން ތިބޭ ކުލާސްރޫމްތަކުންވެސް މި ރަޙުމަތްތެރިކަން ފެނިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚުތިޔާރުކުރާ ޗައިނާގެ އެތައް ހާސް ރައްޔިތުންގެ އެހީގައި، ފަތުރުވެރިކަމުގެ ސިނާޢަތްވެސް ވެފައިވަނީ، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ، ދިރުންހުރި ފާލަމަކަށް ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ސިޔާސީ، ޘަޤާފީ، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށާއި، ދެމެހެއްޓެނިވި އަދި އުފާފާގަތި މުސްތަޤުބަލަކަށް ދެ ޤައުމުން ހިއްސާކުރާ އަމާޒަށް ވާސިލުވުމުގައި، ގުޅިގެން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *