Support Us

މަސްވެރިން ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

ސަރުކާރުން މަސްވެރިންގެ އަޑުއައްސަވައި މަސްވެރިން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ކެއުޅުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ކެއުޅުންނާ ބައްދަކުރެއްވި ތިންވަނަ ފަހަރެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސް ކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑުކުރާނެ ތާރީޚަކާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރި އިތުރު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މިފްކޯގައި މަސްކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރެއްވުމަށް ކެއުޅުން އެދުނެވެ. އެގޮތުން ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަން ފާހަގަކޮށް، ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު ކެއުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާކޮށްފައެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ކެއުޅުން ހިއްސާކުރި ބައެއް ކަންކަމާއި، ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރައްވާފައިވާ ކަންކަން ފާހަގަކޮށް، އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަންކަންވެސް ކެއުޅުން މިއަދު ހިއްސާކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސް ގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަޤީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެ ގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާއި މަޝްވަރާކުރައްވައިގެން، މަސްވެރިންގެ ޚިޔާލާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްޞީލް މި ބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލުވެސް މި ބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެއުޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *