ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަށްޑުވަހުގެ މި ދަތުރުފުޅުގައި ވ، މ، ފ އަދި ތ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށައިފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި އަތޮޅުތަކުގެ އެކި ރަށްރަށުގައި، ތަރައްޤީގެ އެކި މަޝްރޫޢުތަކާއި މަސައްކަތްތައް ފައްޓަވައި، ބައެއް މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން، އާރް.ޓީ.އެލް ފެރީ ނިޒާމުގެ ޚިދުމަތް ފެއްޓެވުމާއި، ވައިގެބަނދަރުތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ފެއްޓެވުން ހިމެނެއެވެ. މީގެ އިތުރުން، ހަތަރު އަތޮޅުގެ ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވި ރަށްތަކާއިއެކު، އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގެންނެވި ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ފެށިފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާ ގުޅޭ ބައެއް މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމާގުޅޭ މުހިންމު ނިންމެވުންތައް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކާއި، ބޭންކިންގެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް އަދި އާންމު ފަރުދުންނަށް ފައިދާކުރާނެ މުހިންމު ނިންމެވުންތަކެއް ވަނީ އިއުލާންކުރައްވާފައެވެ.
"މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ މި ސަރުކާރުން ވަރަށްބޮޑު އަހުމިއްޔަތުކަމެއްދެއްވާ ސިޔާސަތެކެވެ." ރައީސް އޮފީހުގެ ބަޔާނެއްގައި ވެއެވެ.



advertisment