ހަތަރު އަތޮޅެއްގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އަދާކުރި ދމެހުމާންދާރީއަށްޓަކައި އެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ،ވ، މ، ފ އަދި ތ. އަތޮޅުގެ 31 ރަށަށް އެމަނިކުފާނު ކުރެއްވި އަށްޑުވަހުގެ ދަތުރުފުޅުގެ އެންމެ ފަހު ރަށް ކަމަށްވާ، ތ. ތިމަރަފުށީ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައި، މެހުމާންދާރީ އަދާކޮށް އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް، ރައްޔިތުން ބޭނުންވާކަންކަން ވަރަށް ރަނގަޅަށް ހިއްސާކުރި ކަމަށެވެ. މިކަމުގެ ސަބަބުން އެމަނިކުފާނު ރައްޔިތުން ގާތަށް ކުރެއްވި މި ޒިޔާރަތުގެ މަޤްޞަދު ޙާސިލުވެގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޖުމުލަ 20 އެއްބަސްވުމެއްގައި ސޮއިކުރައްވައި، 31 މަޝަރޫޢެއް ފައްޓަވައި، 24 މަޝްރޫޢެއް ނިމިގެންދިޔަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ހަތަރު އަތޮޅުގައި، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ނުހުޅުވި ހުރި ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، މިހާރު ވ، މ، ފ އަދި ތ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ހުރިހާ މަޝްރޫޢުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢު ކުރިއަށް ގެންދެވުނީ ތ. އަތޮޅުގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޒަމާންތަކެއް ވަންދެން ތަރައްޤީގެ ރާޑަރުން ކައްސާލާފައި އޮތް ކޮޅުމަޑުލު، ތަރައްޤީގެ ރާޑަރުގެ ސީދާ މެދަށް ގެނެވިފައިވާ ކަމަށެވެ.



advertisment