ރައްޔިތުންނަށް ބޭނުންވާ ކަންކަން އެކަށީގެންވާ ގޮތެއްގައި ފުރިހަމަކޮށްދެއްވުމަކީ އެމަނިކުފާނުގެ ޒިންމާ ކަމަށާއި މި މޭރުމުން، ތ. ތިމަރަފުށީގެ ރައްޔިތުންނަށް ޞިއްޙީ ދާއިރާއިން ބޭނުންވާ ތަރައްޤީ ކަށަވަރުކޮށްދެއްވާނެކަ މުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ތިމަރަފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ތިމަރަފުށީގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވައި، ހުރިހާ ކަމެއް ފުރިހަމަވެފައިވާ ހޮސްޕިޓަލެއް، ބާރު ދުވެލީގައި ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކުރިންވެސް، ރަށުގެ ޞިއްޙީ ނިޒާމަށް ތަރައްޤީ ބޭނުންވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްޙީ މަރުކަޒުތަކުގެ އެންމެ މަތީ ފެންވަރު ކަމުގައިވާ ލެވަލް ހަތަރެއްގެ ޞިއްޙީ މަރުކަޒަކަށް ތިމަރަފުށީ ޞިއްޙީ މަރުކަޒު ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ތިން މަސްދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށެވެ.
ތިމަރަފުށީގެ އާންމު އުމްރާނީ ތަރައްޤީގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރު ބޮޑުކުރެވިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން އެތައް ކަމަކަށް ކުރިއެރުން ލިބިގެންދާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމިގެންދިއުމުން ރައްޔިތުންނަށް އެތައް ފަސޭހައެއް ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގެދޮރުވެރިކަމުގެ ދާއިރާއިންވެސް ތިމަރަފުށީގައި މަސައްކަތްތަކެއް ކުރިއަށްގެންގޮސް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިހާރު ނިމިފައިވާ ހައުސިން ޔުނިޓްތަކަށް ފެނާއި، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ދާދި އަވަހަށް ކުރިއަށްގެންގޮސް ނިންމަވައިދެއްވައި، އަންނަ ރަމަޟާން މަހުގެ ކުރިން އެ ޔުނިޓްތަކަށް ވަދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ތަރައްޤީކުރައްވާ ހައުސިން ޔުނިޓްތަކަށް ދައްކަންޖެހޭ ކުލީގެ އަގު ހެޔޮކޮށްދެއްވާފައިވާއިރު، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރު، 10،000ރ. އަށް ކުޑަކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
ހަމަ މިއާއެކު ކުޅިވަރުގެ ދާއިރާއިންވެސް ތިމަރަފުއްޓަށް ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އެގޮތުން ފުޓުބޯޅަ ދަނޑު ތަރައްޤީކޮށްދެއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ ހެދުމަށް ހަމަޖެހިފައިވާ ބަޖެޓުގެ ތެރެއިން، ރަށުގައި މިހާރު ހުރި ޒުވާނުންގެ މަރުކަޒު ތަރައްޤީކޮށް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީއަށްޓަކައި އަދިވެސް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށާއި އެގޮތުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމު، އަންނަ ނޮވެމްބަރުމަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް، ވެމްކޯއާ ހަވާލުކުރެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



advertisment