ބަނޑުހައިވެފައިވާ ހިޔަޅަކަށް، މީހަކު ހައްދައިފައިވާ ވެލެއްގައި، ދޮންވެ ފައްކާވެފައިވާ، ނަމަވެސް ހިޔަޅުގެ ބޯމަތިން އަތުނުޖެހޭ ހިސާބުގައިވާ، މޭބިސްކަދުރުތަކެއް ފެނުނެވެ.
މޭބިސްކަދުރެއް އަތުޖެހޭތޯ ވައިގެ ތެރެއަށް އެންމެ މައްޗަށް ފުންމޭނެ ވަރަކަށް ހިޔަޅު ފުމުނެވެ.
ނަމަވެސް އެ ކަން ވީ މުޅިން ބޭކަރު މަސައްކަތަކަށެވެ. ސަބަބަކީ މޭބިސްކަދުރުތައް ހުރީ ހިޔަޅުގެ އަތްނުފޯރާ ހިސާބުގައެވެ.
މިހެންވެ، އެ ސޮރުގެ މަސައްކަތް ހުއްޓައިލިއެވެ.
ދެން ޝަރަފުވެރިކަމާއެކު ކަހަލަ ގޮތަކަށް، އަދި މާ މުހިންމު ކަމެއް ނުދައްކައި ފަދައިން، އެ ތަނުން ދުރަށް ހިނގައިގަންނަމުން، ނަމަވެސް އެއްޗެއް ބުނެލުން މުހިންމު ފަދައިން، ބުނެލިއެވެ:
"އަހަރެން ހީކުރީ އެ މޭބިސްކަދުރުތައް ހުރީ ދޮންވެ، ފައްކާވެފައި ކަމަށެވެ. އެކަމަކު މިހާރު އަހަރެންނަށް ފެންނަނީ އެ ތަކެތި ވަރަށް ހިތި ކަމަށެވެ."
މި ކުރު ވާހަކައިގެ އިބުރަތްތެރި ފިލާވަޅު:
މިއީ އަހަރެމެންގެ ނަފުސު، ހަވާނަފުސުން ސަލާމަތްކޮށްދޭ ނަފުސު ކަމަށްވާ "އީގޯ"، ރޫހާނިއްޔަތަށް ކުރާ ރޫހީ ދަތުރުގައި ދިމާވާ މަރުހަލާއެކެވެ. ދުނިޔަވީ ކަމެއް ފަސޭހައިން ނުކޮށްލެވުމުން، ހުރި ތަނުގައި ހުރެ، އެ ވަގުތު އެ ކުރި މަސައްކަތް ދޫކޮށްލައިފައި، ހަމަ އަނެއްކާ ވެސް އިހު ހުރި މާއްދިއްޔަތުގެ ގޮތްތަކުގައި ހިފައިގެން އުޅުމުން، މާތް ﷲގެ ހަޟްރަތަށް ވާސިލުވުން އޮންނާނީ ދުރުގައިކަން ދައްކުވައިދޭ ވާހަކައެކެވެ. އެއީ، ތިމާ މީހާއަކީ ހިޔަޅެއް ފަދަ ވިސްނުން ތޫނު މީހަކަށް ވިޔަސް، ހަވާ ނަފުސަށް ވިކި ހުސްވުމުން ކުރިމަތިވާނޭ ހިތި ނަތީޖާއެވެ. އާދެ، މޭބިސްކަދުރު އެއީ ހިތި އެއްޗެއް ނަމަ، ހަމަ އެ ހިތިކަން އަރު ތެރޭގައި ލީ ފަދައެވެ!
ނޯޓް: މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. އިންސާނުންނާ ހިލާފަށް، ހައިވާނުންނަކީ އެއްވެސް މުނާފިގުކަމެއް ނެތި، ބޯދާ ބަހުން ދިވެހިން ކިޔައި އުޅޭ "ދެ ފުށް ކެހެރި ކަމެއް ނެތް" މަހްލޫގުންނަށް ވާތީ، އެ އެއްޗެއްގެ ގުދުރަތީ ދިރިއުޅުން އަސްލުގައި ހުންނަ ގޮތަށް ބަލައިގެން، ތޫނުފިލި ވިސްނުންތެރި ގޮތަކަށް، އިންސާނުންނަށް އިބްރަތް ލިބޭނޭ ފަދަ ގޮތަކަށް އީސޮޕް ލިޔުނު ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.



advertisment