Support Us

ޝާރުޖާ އަމީރުގެ ޚާއްޞަ އެވޯޑެއް ދިވެހި ތާރީޚުގެ އިސްވާރަށް

ޝާރުޖާގެ އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީގެ ފަރާތްޕުޅުން ޚާއްޞަ އެވޯޑެއް ދިވެހި ޤައުމިއްޔަތުގެ ތާރީޚު އިސްވާރު ކަށިމާ އަޙްމަދު ޝާކިރަށް ދެއްވައިފިއެވެ.

"ޝަރަފުވެރި ރާވީގެ އެވޯޑް- 2025″ ޝާކިރަށް ދެއްވީ، އަމީރުގެ ޚާއްޞަ ބެއްލެވުމެއްގެ ދަށުން، ޔޫ.އޭ.އީގެ ޝާރުޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމުކޮށްގެން މި މަހު 22އިން 26އަށް ކުރިޔަށް ގެންދާ ޝާރުޖާ އިންޓަނޭޝަނަލް ނެރޭޓަރސް ފޯރަމްގައެވެ.

"ޝަރަފުވެރި ރާވީގެ އެވޯޑު" ދެއްވަނީ ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް އެ ބޭފުޅަކު ކުރައްވައިފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން، އެ ބޭފުޅަކީ އެ ޤައުމެއްގައި ތަރިކައިގެ ދާއިރާގެ ޚާޒާނާއެއް ކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށް ކަމަށް ގައުމިއްޔަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝާކިރު ވަނީ ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެ ގޮތުން އޭނާ ލިޔުއްވި ޤަރުނު ފޮތް ސިލްސިލާ ފާހަގަކުރެވެއެވެ. އޭގެ އިތުރަށް އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ވެސް އޭނާ ލިޔުއްވައިފައިވެއެވެ.

ޝާކިރުގެ ޚިދުމަތް މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހި ޤައުމިއްޔަތު އިއާދަކޮށް ދިރުވާ އާލާކުރެއްވުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. ޚާއްޞަކޮށް ރައީސް ޑރ. މުޢިއްޒު އުފައްދަވައިފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރުގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ އެ މަރުކަޒުގެ ވިލަރެސްވެރީން ތަމްރީނުކުރެއްވުމާއި މުޤައްރަރުތައް ފަރުމާކުރެއްވުން ފަދަ މަސައްކަތްތައް ކުރައްވަމުންނެވެ.

ޝާކިރު ވަނީ ޝާރުޖާ ފޯރަމުގެ އެކި ދަންފަޅިތަކުގައި ރާއްޖޭގެ ތާރީޚާ ބެހޭ ހުށަހެޅުންތައް ހުށަހަޅުއްވައިފައެވެ. އަދި "ޝަރަފުވެރި ރާވީގެ މަޤާމު" ލިބިވަޑައިގަތުމާ ގުޅިގެން ޝާރުޖާގެ ބައެއް ޓީވީ ޗެނަލްތަކުން އޭނާގެ ބަސްދީގަތުންތައް ނަގައިފައިވާ ކަމަށް ގައުމިއްޔަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ޝާކިރުގެ ހުށަހެޅުންތައް ބަލައިލަން އެކި ޔުނިވަރސިޓީތަކުން ދަރިވަރުން ހާޒިރުވި ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *