Support Us

ދިޔަމިގިލީގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ނިންމައި، ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭނަން: ރައީސުލްޖުމްހޫރިއްޔާ

ރަށުގެ އާންމު އުމްރާނީ ތަރައްޤީއަށްޓަކައި ކުރަންހުރި މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމަވައި، ރައްޔިތުންނަށް ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން، ތ. ދިޔަމިގިލީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ މިއަދު ހަވީރު ދިޔަމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ދިޔަމިގިލީގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންވެފައިވާ މުހިންމު ތިން މަޝްރޫޢު ކުރިއަށްގެންދަވާނެ ގޮތުގެ ބައެއް ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ދިޔަމިގިލި-މަޑިފުށި- އުފުރިޔާ ކޯޒްވޭ ގާއިމުކުރުމުގެ މަޝްރޫޢެވެ. އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަކަށް ވާނެ ކަމުގައި ފާހަގަކުރައްވާފައެވެ.

ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި މިވަގުތު ނުނިމިއޮތް ފެނުގެ ނިޒާމުގެ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ނިމިގެންދާއިރު، މަގުހެދުމުގެ މަސައްކަތްވެސް ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީވެސް ރަށުގެ ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭނެ މަޝްރޫޢަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިޔަމިގިލި- މަޑިފުށި- އުފުރިޔާ ކޯޒްވޭ ގާއިމުކުރުމުގެ އެއްބަސްވުމާއި، ދިޔަމިގިލީ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ، ދިޔަމިގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ކުރިއަށްގެންދެވި ޖަލްސާގައެވެ.

ދެން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ދިޔަމިގިލީ ސްކޫލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތެވެ. ހުއްޓިފައި އޮތް މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، އިމާރާތުގެ ބޭނުން ކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން، މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެށޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެކި ދާއިރާތަކުން ރަށަށް ތަރައްޤީ ގެނެސްދެއްވާނެކަމުގެ އުންމީދީ ވާހަކަތައް، އެމަނިކުފާނު ވަނީ ދިޔަމިގިލީގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށްގިރުމުގެ މައްސަލައަށް ހައްލުހޯއްދަވައިދެއްވައި، ރައްޔިތުންނަށް މިހާރު ހުރި އުނދަގޫތަކަށް ލުއި ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ރަސްމީކޮށް 24 ގަޑިއިރު ދިނުމަށް ބޭނުންވާ އުމްރާނީ-އިންސާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް، މިއަހަރު ފައްޓަވައިގެން އަންނަ އަހަރުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާގެ ތަރައްޤީއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ކުޅިވަރު ދަނޑުތައް ތަރައްޤީކޮށްދެއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ގާއިމުކޮށްދެއްވައި، އަދި ވޮލީ ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

އަދި ރަށުގައި ފުލުހުންގެ ޚިދުމަތް އަޕްގްރޭޑް ކުރެވިގެންދިޔަކަން ފާހަގަކުރައްވައި، ފުލުހުންގެ އަމިއްލަ އިމާރާތެއް ރަށުގައި ތަރައްޤީކުރެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، މިއަދު މެންދުރުން ފެށިގެން، ފުލުހުންގެ ޚިދުމަތް ގާއިމު ކުރެވިގެންދިޔައީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ފަޔަރ ސްޓޭޝަނެއްވެސް އެ ރަށުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކައުންސިލް އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *