Support Us

އަތުން ހިފޭ ތަރައްޤީ ހޯދާއިރު، އަތުން ނުހިފޭ ތަރައްޤީއަށްވެސް އެވަރުގެ ސަމާލުކަމެއް ދޭންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

އަތުން ހިފޭ ތަރައްޤީ ހޯދާއިރު، އަތުން ނުހިފޭ ތަރައްޤީއަށްވެސް އެވަރުގެ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާ، އެއީ އަޅުގަނޑުމެންގެ އުޅުމާއި، ގުޅުމާއި، އަޚްލާޤުގެ ތަރައްޤީކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހަށް އިޝާރާތްކުރައްވަމުންނެވެ.

ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތ. ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމާއި، އެކަންކަން ހާސިލުކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިއަދަކީ ރާއްޖެ އިސްލާމްވީތާ 899 އަހަރު ފުރުނު ދުވަސްކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ ދުވަސްތަކުގައި އެކުވެރި، އެއްބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅެވިފައި އޮތީ އިސްލާމްދީނުގެ ސަބަބުންކަން ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން ކާބަފައިންނާ އަބުޠާލުންގެ ޖިހާދުން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދީފައިވާ އިސްލާމްދީން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޢަޒުމަކަށް ހަދަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަން ވާންއޮތީ އަޅުގަނޑުމެންގެ ސިކުނޑިތައް ހެޔޮގޮތުގައި ތަރައްޤީ ކޮށްގެންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްޤީގެ ލިސްޓުގައި ހުރި ކިތަންމެ ކަމެއްވެސް ކުރެވިދާނެ ކަމަށާއި ނަމަވެސް އަޅުގަނޑުމެންގެ އަމިއްލަ ވިސްނުން ހެޔޮގޮތުގައި ބައްޓަންނުކުރާ ކަމުގައިވާނަމަ އެކަމުގެ ބޭނުމެއް ނެތްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަޅުގަނޑުމެންގެ ހިތާއި ސިކުނޑީގައި އިސްލާމްދީނުގެ ބިންވަޅު ނެގެންޖެހޭ ކަމަށާއި މި ޤައުމަށް ލިބިފައިވާ އެންމެ ބޮޑު ފަޚްރަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށް، އިސްލާމްދީނަށް ނަސްރުދީ، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމަށް ޢަޒުމު ކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.

ހަމަ މިއާއެކު، އިސްލާމްދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި ފާހަގަކުރެއްވިއެވެ. މިރޮނގުން، ރައްޔިތުންގެ އެއްބާރުލުމާއެކު ފަޚްރުވެރި ގިނަ މަސައްކަތްތަކެއް، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވިފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ޒަމާނަށް ފެތޭގޮތަށް، ވަރުގަދައަށް އިސްލާމްދީން އުނގަންނައިދެއްވަން ބޭނުންފުޅުވާ ކަމަށާއި، އެގޮތުން އިސްލާމީ ޔުނިވަރސިޓީގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވި، ޤުރުއާންގެ ދާއިރާ ކުރިއެރުވުމަށްޓަކައިވެސް މިމޭރުމުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދިވެހި ޤައުމު، އިސްލާމްދީން މަތީ ތާއަބަދުމެ ލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *