ބޭނުންފުޅުވަނީ ރައްޔިތުން ތިބިތަނަކަށް ސަރުކާރުން އައިސް ޚިދުމަތްތައް ޤާއިމުކުރައްވައިގެން ޚިދުމަތްތައް ދެއްވުންކަމަށާއި، ބޭނުންފުޅުވަނީ ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ 'އަޅުވެތިކަން' ނިމުމަކަށް ގެންނަވައި، ރައްޔިތުންނާ ހިސާބަށް ފަސޭހަކަން، ގެނެސްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތ. ވޭމަންޑުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ވޭމަންޑޫ ސްކޫލުގައި ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، އުމްރާނީ ތަރައްޤީގެ ކަންކަން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ވޭމަންޑޫގެ ތަރައްޤީއަށްޓަކައި މުހިންމު ތިން މަޝްރޫޢެއްގައި މިރޭގެ ރަސްމިއްޔާތުގައި ސޮއިކުރައްވާފައި ވާއިރު، މި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމުގައި ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ވޭމަންޑޫ ބަނދަރު އަޕްގްރޭޑްކުރުގެ މަޝްރޫޢު އާއި ބިން ހިއްކުމުގެ މަޝްރޫޢު އަދި ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްޤީކުރުމަށް އެއްބަސްވެވުނު މަޝްރޫޢެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަޝްރޫޢުތައް ކުރިއަށް ގެންދަވަން ގަސްތުކުރައްވާ ގޮތުގެ މަޢުލޫމާތު، ރައްޔިތުންނާ ހިއްސާކުރައްވައި، ހުއްޓުމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންގޮސް، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ހަމަ މިއާއެކު މިއަދު ފެއްޓެވި އާރް.ޓީ.އެލް ފެރީގެ ޚިދުމަތަކީ މުޅި އަތޮޅަށް މުހިންމުވެފައި އޮތް ޚިދުމަތެއް ކަމަށާއި، މަސައްކަތްކުރައްވަމުން ގެންދަވަނީ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ތަރައްޤީގެ ރާޑަރަށް ކޮޅުމަޑުލު އެރުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ޚިދުމަތް ދެވެން ފެއްޓެވުމާއެކު، ކޮޅުމަޑުލުގެ ނެޓްވަރކްއަށްވެސް އިތުރުކުރިއެރުންތަކެއް ގެނެސްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފޮނިމީރުކަން، އަތޮޅުގެ ރައްޔިތުންނަށް ގެނެސްދެއްވުމަށްޓަކައި ވުނޭރުންނަށް ބޮޑެތި ލުއިތަކާއެކު އަދުގެ ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ މަގުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
އަދި ކޮޅުމަޑުލުގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްވެސް މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެގޮތުން، ނުނިމި، އަހަރުތަކެއް ފާއިތުވެފައިވާ ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އިމާރާތުގެ މަސައްކަތްތައް އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް)ގެ ލަރނިން ސެންޓަރެއް ރަށުގައި ތަރައްޤީކުރެވިގެންދާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނުދެއްވިއެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިންވެސް ރަށަށް ގެނެސްދެއްވާނެ ތަރައްޤީގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ފީފާ ސްޓޭންޑަޑްގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަސައްކަތްވެސް އަހަރުގެ ކުރީކޮޅު ފައްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ޚާއްޞަ، އެކަށީގެންވާ ފެންވަރުގެ ޕާކެއް ތަރައްޤީކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ހަމަ މިއާއެކު ޞިއްޙީ ގޮތުން ވޭމަންޑޫއަށް ގެނެސްދެއްވާ ތަރައްޤީގެ މައްޗަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަލަށް ތަރައްޤީ ކުރެވޭ 50 އެނދުގެ ހޮސްޕިޓަލުގެ ކަންކަން ފުރިހަމަވުމާ ހިސާބަށްވެސް، މިހާރުން މިހާރަށް ކޮށްދެއްވާނެ ކަންތަކެއް ހުރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވޭމަންޑޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް، މިރޭގެ ރަސްމިއްޔާތުގައި ވަނީ ފައްޓަވާފައެވެ.



advertisment