އޮޑިދޯނިފަހަރުގައި މަސް ފިނިކުރާ ނިޒާމު ނުވަތަ ރެފްރިޖަރޭޓަޑް ސީ ވޯޓަރ (އާރް.އެސް.ޑަބްލިއު) ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރެއް، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާލައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
އާރް.އެސް.ޑަބްލިއު ލޯން ސްކީމުގެ ފުރަތަމަ ބުރުގައި ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައި ވަނީ ހިރިލަންދޫ އޮޑިވެރިންނަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލާ މި ލޯން ސްކީމްގެ ދެވަނަ ބުރުގައި އިތުރު 200 ފަރާތަކަށް ލޯނު ދޫކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން، ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރެއްވުމުގެ މަސައްކަތް، ޖަނަވަރީމަހު ފަށާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިރިލަންދުއަކީ މަސައްކަތްތެރި އާބާދީއެއް އޮންނަ ރަށެއްކަން ފާހަގަކުރައްވައި، ރަށުގައި ކުރާ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާނޭ އިތުރު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ރަށުގެ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކުރެއްވުމުގައި އެ ބިމުން ކުރާނޭ ބޭނުންތައްވެސް ހިމެނުއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން ހިރިލަންދޫގައި ވަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ހިރިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އެ ރަށުގައި މިސްކިތެއް ބިނާކުރުމާއި ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ހިރިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ. އަދި މިއަދުގެ ޖަލްސާގައި، އެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ވަނީ ސޮއިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަމާ ބެހޭ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން، އެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދަވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ހިރިލަންދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލްގެ މަސައްކަތް، ދިރާސީ އާ އަހަރު ބޭނުންކުރެވޭ ވަރަށް، ވަސީލަތްތައް ހަމަކޮށްދެއްވައި، ނިންމަވައިދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރު އެ ރަށުގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑެއްގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



advertisment