"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ސެލްފް ސަރވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފަށައި، ތ. ވިލުފުށީގައި އާ ބްރާންޗެއްގެ ބިންގާ އަޅައި، މުޅި އަތޮޅަށް ދެމުންދާ ބޭންކުގެ ޚިދުމަތްތައް ފުޅާކޮށްފިއެވެ.
އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކޮށް، ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވިލުފުށީގައި އައު ބްރާންޗެއްގެ ބިންގާ އެޅުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.
"މި އައު ބްރާންޗާއި މިއަދު ގާއިމްކުރެވުނު އޭޓީއެމް ޚިދުމަތާއެކު ފުރިހަމަ ޚިދުމަތެއް މި މުޖުތަމައަށް ގެނެސްދެވިގެންދާނެ،" ޝަރީފު ވިދާޅުވިއެވެ.
"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 173 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 231 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ބީއެމްއެލް އިން ބުންޏެވެ.



advertisment