Support Us

ވިލުފުށީ އެއާޕޯޓު 30 މަސް ތެރޭގައި ނިމޭނެ: ރައީސުލްޖުމްހޫރިއްޔާ

މިއަދުން ފެށިގެން 30 މަސް ދުވަސް ތެރޭ ތ. ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް ނިމޭނޭ ކަމަށާއި 18 މަސް ދުވަސްތެރޭ ހޮސްޕިޓަލުގެ މަސައްކަތް ނިމޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މާދަމާ ރަސްމީގޮތުން ފައްޓަވައި، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތްވެސް މިއަދު ޢަމަލީ ގޮތުން ފައްޓަވައި، ގިނަވެގެން 18 މަސްދުވަސް ތެރޭ، ފުރިހަމަ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލުކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، ނިމިފައި ހުރި ހައުސިން ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ޙައްޤުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.

ސުނާމީ ކާރިސާއަށް ފަހު ހައްލުނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ޙައްލުކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ފައްޓަވައިދެއްވައި، ބޭންކް އޮފް މޯލްޑިވްސް ވިލުފުށީ ބްރާންޗްގެ ބިންގާވެސް އަޅުއްވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުގެ ޚިދުމަތް ލިބޭނޭ ކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް އެ ރަށުގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ ސޮއިކުރެއްވި މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ، ރިންގް ރޯޑުވެސް ހިމެނޭ ގޮތަށް ކަމަށާއި، ރޭ ސޮއިކުރެއްވި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ކޯޓެއްގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފައްޗެއް އަޅުއްވައިދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ މި ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއްވެސް ޤާއިމުކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަނީ ވިލުފުށީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތްވެސް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *